ENGLISH

05 ފެބްރުއަރީ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލުތަކެއް ހޯދައިދޭނަން: ރައީސް

04 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ބެލެނިވެރިންނާއެކު ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން ވަނީ އޯޓިޒަމް އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެވޭގޮތް އިތުރަށް ހަރުދަނާ ކުރުމާއި، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ސްކޫލްތަކުން ލިބޭނެގޮތްވުމާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ.

ބެލެނިވެރިންގެ ފަރާތުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ޤުރުއާން ކިޔެވޭނެ ގޮތްހެދުމާއި، ތެރަޕީގެ ޚިދުމަތް ހަރުދަނާކޮށް، އެއްފުރާޅެއްގެ ދަށުން އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ތައުލީމާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ސަރުކާރުން ޤާއިމްކޮށްދެއްވުންހިމެނެއެވެ. މީގެ އިތުރުން ޑިސްއެބިލިޓީ ކައުންސިލް މިހާރު އުފެދިފައި އޮންނަ ގޮތް ބަދަލުކުރެއްވުމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވަރަށް ސަމާލުކަންދެއްވައިގެން ވީހާވެސް އަވަހަށް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު