ENGLISH

04 ފެބްރުއަރީ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ 367 މީހަކަށް ވަޒީފާ ދީފި، މިއީ ވޭތުވެ ދިޔަ 10 އަހަރަށް ވުރެ ގިނަ އަދަދެއް

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާ. ފޮޓޯ؛ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒަރާ

ފާއިތުވީ 10 އަހަރަށް ވުރެ ގިނައިން މި ދައުރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެވިފައި ވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް އެކުލަވައިލި ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކިތަންމެ ގާބިލު އަދި ހުނަރުވެރި ބައެއް ނަމަވެސް މީގެ ކުރިން އެފަދަ މީހުން މުޖުތަމައުގައި ބައިވެރިކުރަން ފަސް ޖެހެނީ މުޖުތަމައުގެ ތެރެއިން އެފަދަ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ވިސްނާފައިކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށް ދިއުމަށް އޮތް ހުރަހަކަށް މިކަން ވެގެންދާކަން ފާާހަގަކުރައްވަމުން ވަޒީރު ވަނީ މި ވިސްނުން މިހާރު ބަދަލުވަމުން އަންނަކަން ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އަކީ ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އެޅޭ ބިންގަލެއްކަމަށް ވިދާޅުވެ، ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްގުތަކާއި، ގައުމުގެ ތަރައްގީއާ ގުޅިފައިވާ މުހިންމުކަމެއް ކަމަށް މިއަދު ހެދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމާއި، ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި، އެމީހުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ ދެ އަހަރު ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން އިގްތިސާދީގޮތުން ބާރުވެރިކުރުވުން. މިގޮތުން މި ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުން ސަރުކާރުގެ އެކި އިދާރާތަކުން 367 މީހުންނަށް ވަނީ ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެން ގޮސްފައި. މިއީ ވާއިތުވީ 10 އަހަރު ފޯރުދެވިފައިވާ ފުރުސަތުތަކަށް ވުރެ ގިނަ އަދަދެއް." - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ނިކުތުމަށް ބޭނުންވާ އިލްމާއި، ހުނަރު ތަރައްގީކުރަން ކަމާ ގުޅުންހުރި އިދާރާތަކާއި އެކުގައި ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ތަައާރަފުކުރެވުނު ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އަކީ އިޖްތިމާއީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި އެކްޝަން ޕްލޭންގައި މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވެއެވެ. އެއީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، މާލީ ދާއިރާ، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް ދާއިރާއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި މުޖުތަމައުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ މި ޕްލޭނުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވިގެންދާނެކަމަށާއި، މީގެ އިތުރުން މި ޕްލޭންގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވުން މަދުކޮށް، އަމިއްލައަށް ދިރިއުޅުމެއް ބައްޓަންކުރުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށްވެސް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. 

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިގުތިސާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

ކިޔުންތެރިންގެ ހިޔާލު