ENGLISH

04 ފެބްރުއަރީ 2026

Advertisement

ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަހުމަދިއްޔާއާ ސީއެޗްއެސްސީގެ ކުރިމަތިލުމެއް

04 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

މީގެކުރީން ބޭއްވި އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރުމުގެ ގޮތުން، ބާއްވާ 19 އަހަރުން ދަށުގެ 'ޑައިމަންޑް ޖުބިލީ' އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ސީއެޗްއެސްސީ (ހުޅުމާލެ) ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ފެބުރުއަރީ މަހުގެ 7 އިން 15 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، އަހުމަދިއްޔާގެ އިތުރުން ސީއެޗްއެސްސީ (ހުޅުމާލެ) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި ސީއެޗްއެސްސީ (މާލެ) އެވެ.

މުބާރާތް ހުޅުވާ މެޗުގައި އަހުމަދިއްޔާއާ ސީއެޗްއެސްސީ (ހުޅުމާލެ) ބައްދަލުކުރާނީ މި މަހުގެ 7 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ރައުންޑް ރޮބިން އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ ކުރިހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް މެޗު ކުޅޭނެ އެވެ. މުޅި މުބާރާތުގައި ހަތް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ހަވީރެވެ.

އެފްއޭއެމުން ވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބިލީ ފާހަގަކުރުމުގެ ގޮތުން 19 އަހަރުން ދަށުގެ 'ޑައިމަންޑް ޖުބިލީ' އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގެ އިތުރުން 'ޑައިމަންޑް ޖުބިލީ' އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތް ނަމުގައި އަވައްޓެރި ބައެއް ގައުމުތަކަށް ދައުވަތުދީގެން މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު އެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު އެވެ. މިއާއެކު، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު