ENGLISH

04 ފެބްރުއަރީ 2026

Advertisement

ރައީސްގެ އިޖުތިމާޢީ ސިޔާސަތު ތަންފީޒުކުރުމުގައި ކޮންގްރެސްގެ ކެންޑިޑޭޓުން ނަމޫނާ ދައްކާނެ: ނައިބު ރައީސް

04 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

މާފަންނު ހުޅަނގު ދާއިރާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ޕީއެންސީ

އިޖުތިމާއީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަމަތަކާއި މިންތައް ހިފަހައްޓައި، އެކަންކަން ފޯރުކޮށްދިނުމަށްޓަކައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެންޑިޑޭޓުން ނަމޫނާ ދައްކަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެމްޕޭން ހަރަކާތްތައް މާފަންނު ހުޅަނގުގައި ރަސްމީކޮށް ފެށުމަށް، ރޭ އެ ދާއިރާގެ ކެމްޕޭން ޖަގަަހަ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުރިއަށްވަޑައިގަންނަވަނީ، ހަމަޖެހުމާއި ރައްކާތެރިކަން އަދި ތަރައްޤީއާ އެކު ކަމަށެވެ. 

މާލެ ސަރަޙައްދު އަދި މުޅި ރާއްޖެ ހިމެނޭހެން އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންގެންދަވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވެރިކަމަށް ވަޑައިގެން ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޤަވާއިދުތައް އަދި އުޞޫލުތައް ކަނޑައަޅުއްވައިގެން އިޖުތިމާޢީ ދާއިރާގެ ހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެންސީ

އެ މަސައްކަތުގެ ދަށުން މާލޭގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރެއްވުމަށް ވެސް ޚާއްޞަ އިސްކަމެއްދެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އިޖުތިމާޢީ ދާއިރާގެ މައްސަލަތައް ހައްލުކުރެއްވުމަށް ކަރުދާހުގައި ލިޔުއްވި ކަމަށެވެ.

އެކަންކަން ތަންފީޒުކުރުމަށް މިއަދު ބޭނުންވަނީ މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން ކަމަށާއި، އެހެންވެ ރައީސްގެ ފަހަތްޕުޅުގައި "ރުކުރުވާލައިގެން" ތިބޭނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން މިފަހަރު އިންތިޚާބުކުރުން މުހިއްމުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލަށް ކޮންގްރެސް ޕާޓީގެ މެންބަރުން ހޮވަންޖެހެނީ ސިޓީ ކައުންސިލްގައި ތަންފީޒުނުވެ ހުރި ކަންކަން ރައީސްގެ ފަހަތްޕުޅުގައި ތިއްބަވައިގެން ތަންފީޒުކުރުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

މާލޭ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވަނީ މޫސާ ޢަލީ ޖަލީލް އެވެ. އަދި، މާލޭ ސިިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވަނީ އާޝިޔަތު އަލައިކާ އަދުނާން އެވެ. މާފަންނު ހުޅަނގުން ކައުންސިލް މެންބަރުކަމަށް ވާދަކުރައްވަނީ މިހާރުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް އެވެ. އަދި، މި ދާއިރާއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވަނީ މަރްޔަމް ޢަބްދުﷲ އެވެ. 

"މިބޭފުޅުންނަށް އަޅުގަނޑުމެން ޝައްކެއް ނުކުރަން. ރައީސްގެ މެނިފެސްޓޯ، ރައީސްގެ އިޖުތިމާޢީ ކަންކަމުގައި އެމަނިކުފާނު ގެންގުޅުއްވާ ހަމަތަކާއި މިންތައް ހިފަހައްޓާ ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމަށްޓަކައި އެންމެ ސިކުންތެއް ވެސް ލަސްނުކުރައްވާނެކަން. އެބޭފުޅުން އެތިބީ ޚިދުމަތުގައި ނަމޫނާ ދައްކަން ތައްޔާރަށް" - ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް

ނައިބު ރައީސް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ރެކޯޑުތައް ބަލާލުމުން ދިވެހި ރައްޔިތުންނަށް އެއީ ކޮންބައެއްކަން ސާފުވާނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ކަންކަމުގައި ވަކާލާތުކުރެއްވުމަށް އަލައިކާއަށް ވުރެ ޤާބިލް ކަނބަލެއް ނުފެންނާނެ ކަމަށާއި، ހަމައެގޮތަށް މަރްޔަމް ޢަބްދުﷲ އަކީ ޚިދުމަތުގެ 30 އަހަރުގެ ސާފު ރެކޯޑެއް އޮތް ކެންޑިޑޭޓެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުން އެކަން ދަންނާނެ ކަމަށާއި، މާލޭ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމުގައި އެ ކެންޑިޑޭޓުން ނަމޫނާ ދައްކަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު