ENGLISH

04 ފެބްރުއަރީ 2026

Advertisement

މާފަންނު ހުޅަނގުގައި ޕީއެންސީގެ ޖަގަހަ ހުޅުވައި، އެ ދާއިރާގެ ކެމްޕޭން ހަރަކާތްތައް ފަށައިފި

04 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން އޮފީސް ނައިބު ރައީސް ހުޅުއްވައިދެއްވަނީ. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައި، އެ ދާއިރާގެ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ރޭ ފަށައިފިއެވެ. 

މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

ކެމްޕޭން ޖަގަހަ ގާއިމުކުރީ އެސްޓީއޯ ހެޑް އޮފީސް ކުރިމަތީގައި، މ. ޝިންގަލްގަ އެވެ. 

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ޕާޓީގެ ލީޑަރޝިޕްގެ އިސްވެރިންނާއި، އެ ދާއިރާގެ ކެންޑިޑޭޓުން ހިމެނޭހެން މާލޭ ސިޓީގެ އެކި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވަޑައިގެންނެވިއެވެ. 

މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން އޮފީސް ހުޅުވުން. ފޮޓޯ: ޕީއެންސީ

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މާލޭ ސިޓީ ހިމެނޭހެން މުޅި ރާއްޖެއަށް ބޭނުންވާ ތަރައްޤީ އޮތީ ވަރަށް ސާފުކޮށް ފެންނަން ކަމަށެވެ. 

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް ވަޑައިގެން ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަމަށެވެ. ޚާއްޞަކޮށް މާލޭގައި ހަމަޖެހުން ޤާއިމުކުރުމަށް މާލޭ ސިޓިގެ މޭޔަރުކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްލޭން ކަރުދާހަށް ތިރިކުރައްވާފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

މާލޭގައި ހަމަޖެހުން ޤާއިމުކުރުން މުހިއްމުކަމާއި، ބެލެނިވެރިންނަށް ރައްކާތެރިކަމާއެކު ހިނގާލެވޭނެ ގޮތްތައް ފަހިކުރުން މުހިއްމުކަމަށް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ. އެކަންކަން ތަންފީޒުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން ކަމަށާއި، އެހެންކަމުން މިފަހަރު މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ބަދަލުގެންނަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ ބޭފުޅަކީ މިފަހަރު ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ މޭޔަރަލް ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވިއިރު، ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގިނަ ކެމްޕޭން ޖަގަހަތަކެއް ކޮންގްރެސް ޕާޓީން ވަނީ ހުޅުވައިފައެވެ. 

ކެމްޕޭން ހަރަކާތްތައް ކޮންމެ ދުވަހަކާއި ރޭގަނޑު ވެސް ކުރިއަށްގެންދާއިރު، މިރޭ އޮންނާނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. 

ކިޔުންތެރިންގެ ހިޔާލު