ENGLISH
10 އޭޕްރީލު 2025
ރެއާލް މޮޅުވިއިރު ބާސާގެ މެޗު އެއްވަރު
08 ޑިސެމްބަރު 2024
|
ޖިރޯނާއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް މޮޅުވިއިރު، ވާދަވެރި ބާސެލޯނާ ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.
ޖިރޯނާގެ ދަނޑުގައި 0-3 އިން ރެއާލް މޮޅުވިއިރު، ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެ ބާސެލޯނާ ވަނީ 2-2 އިން އެއްވަރުވެފައެވެ.
މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ. ރެއާލަށް ބާކީ މެޗެއް އޮތުމުން އެ މެޗު ކާމިޔާބުކޮށްގެން އެއްވަނަ އަށް އެރޭނެ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކް ބިލްބާއޯ ހަތަރު ވަނައިގައި އޮތީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.
ރެއާލުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ ފަހު ހާފުގައެވެ. މި މެޗުގައި ރެއާލުން ލީޑު ނެގީ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާ އެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ބެލިންހަމް ދިން ބޯޅައަކުން އާރްދާ ގުލާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ރެއާލްގެ ފަހު ލަނޑުޖަހައިދިނީ ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ އެވެ. އޭނާ މި ލަނޑުޖެހީ ކެޕްޓަން، ލޫކަ މޮޑްރިޗް ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި ވާދަވެރި ބާސެލޯނާ ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް މި ލަނޑުޖަހައިދިނީ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޖިއޮވާނީ ލޮ ސެލްސޯ ޕެނަލްޓީއަކުން ބެޓިސް އަށް އެއްވަރުކޮށްދިނެވެ. އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ފެރާން ޓޮރޭޒްގެ ލަނޑުން ބާސެލޯނާ އަލުން ލީޑު ނެގިއެވެ.
ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ޒުވާން ފޯވާޑް، އަސާނޭ ޑިއާއޯގެ ގޯލުން ބެޓިސް އެއްވަރުކޮށް، މުހިއްމު ޕޮއިންޓެއް ހޯދިއެވެ.