ENGLISH

03 ފެބްރުއަރީ 2026

Advertisement

ޖަނަވަރީ މަހު 2،454 ޓަނުގެ މަސް ކިރުވި، 40.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރި

03 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މިފްކޯއިން ބޮޑުކަންނެލި ކިރުވަން ފެށީ ފާއިތުވި ޖަނަވަަރީ މަހު، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފާއިތުވި ޖަނަވަރީ މަހު 2،454.24  ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް ޖުމްލަ 40.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ. 

މިފްކޯއިން މިއަދު އާއްމުކުރި ޖަނަވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު އެންމެ ގިނައިން ކިރުވީ ކަޅުބިލަމަހެވެ. އެގޮތުން އެ މަހު 2،301.73 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވެއެވެ. އެ މަހަށްވާ ފައިސާގެ ގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް 36،983،076.60 (ތިރީސްހަ މިލިއަން ނުވަލައްކަ އަށްޑިހަ ތިންހާސް ހަތްދިހަ ހަ) ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އެއީ 199 ދޯންޏަކުން ކިރުވި މަހަށް ދޫކުރި ފައިސާއެވެ. 

މިފްކޯއިން ކަންނެލި މަސް ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ.  

ޖަނަވަރީ މަހު 15 ކިލޯއިން މަތީގެ 72.16 ޓަނުގެ ބޮޑުކަންނެލި ކިރުވިއިރު އެ ކަންނެއްޔަށް 1،804،075 (އެއް މިލިއަން އަށްލައްކަ ހަތަރުހާސް ހަތްދިހަ ފަސް) ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކުރިއެވެ. އެއީ 148 ދޯނިން ކިރުވި މަހެވެ. 

އޭގެ އިތުރަށް ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ދިހަ ކިލޯއިން މަތީގެ ކަންނެލި ކިރުވަން ފަށައި އެ މަހުގެ ނިޔަލަށް ޖުމްލަ 80.45 ޓަނުގެ ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިރުވިއެވެ. އެ ސައިޒުގެ ކަންނެލި ކިރުވި 168 ދޯންޏަށް ޖުމްލަ 1،608،960 (އެއް މިލިއަން ހަލައްކަ އަށްހާސް ނުވަސަތޭކަ ފަސްދޮޅަށް) ރުފިޔާ މަސްވެރިންނަށް ދޫކުރިއެވެ. 

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް ކޮންމެ 48 ގަޑިއިރަކުން ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހރުގެ ޑިސެންބަރު މަހުއެވެ. ފާއިތުވި އަހަރުގައި މަސްވެރިންނަށް އެ އުސޫލުން ބަރާބަރަށް ފައިސާ ދޫކޮށްފައިވެއެވެ. އަދި ޖަނަވަރީ މަހުން ފެށިގެން ކަންނެލި ކިރުވަން މިފްކޯއިން ފެށިއިރު ކަންނެލީގެ މަސްވެރިންނަށްވެސް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު