ENGLISH

22 މޭ 2026

Advertisement

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުތަކަށް ޖާޒީ ހަވާލުކޮށްފި

22 މޭ 2026

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުތަކަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޒުވާން ބާސްކެޓްބޯޅަ ޓީމުތަކަށް ޖާޒީ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެނުންގެ 18 އަހަރުގެ ދަށުގެ ބާސްކެޓްބޯޅަ ޓީމުތަކަށް ޖާޒީ ހަވާލުކޮށްދެއްވީ ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25-29 ގެ ނިޔަލަށެވެ. ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކީ ރާއްޖޭގެ އިތުރުން ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝެވެ. އަދި އަންހެން ޑިވިޝަނުގައި ތިން ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާއެވެ.

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުތަކަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، 26 ވަނަ ދުވަހު ވާދަކުރާނީ ލަންކާއާ ދެކޮޅަށެވެ. އަދި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހެވެ.

އަދި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، އިންޑިއާއާ ވާދަކުރާނީ މި މަހުގެ 27 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު