ENGLISH

03 ފެބްރުއަރީ 2026

Advertisement

މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާޙުކޮށްފި

03 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

"ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާޙުކުރުން-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަސްނާފު ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ބަލައިލެވޭނެ އެވެ.

މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެ އެވެ. އަސްނާފު ކާޑު ބޭނުންކޮށްގެން ސްކޭނުކޮށްގެން ވަގުތުން ހިދުމަތް ހޯދޭނެ އެވެ. މި ކާޑުގެ ޒަރީއާއިން އިދާރީ މަސައްކަތްތަކާއި ހިދުމަތް އަވަސްވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިސާލާމީ ކަންތަކާ ބެހޭ ވުޒާރައިން ވަނީ ބުނެފަ އެވެ.

ޒަކާތުގެ އެހީ ލިބޭ ފަރާތްތަކުގެ ވެރިފައިޑް ޕްރޮފައިލާއި މި ކާޑު ސީދާ ވަނީ ގުޅާލެވިފައެވެ. މިކަމުގެ ސަބަބުން ހިދުމަތްތަކަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކުރެވި، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި ހައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ގަބޫލު ކުރެއެވެ.

މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މީގެ މަޤްޞަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުން ކަމަށާއި،އަދި ޒަކާތު ހައުސްގެ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމުން ޒަކާތު ހައުސްއިން ބުންޏެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އަސްނާފު ކާޑު އިފްތިތާޙުކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ހޯދޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައިވާ ކަމަށެވެ. މީގެ ސަބަބުން ޒަކާތް ބެހުމުގައި ޒިންމާދާރުކަން އިތުރުވެ، އެހީ ފޯރުކޮށްދިނުމުގައި ތަކުރާރުވުންތައް ހުއްޓުވައި، ތަފާސްހިސާބުގެ އަލީގައި ނިންމުންތައް ނިންމުމަށް މަގުފަހިވާނެ ކަމަށް ޒަކާތު ހައުސް އިން ގަބޫލުކުރެ އެވެ.

މި ކާޑަކީ ޒަކާތް ބެލެހެއްޓުމާއި ބެހުމުގައި ޢަދުލުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، އޯގާތެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށް ޒަކާތު ހައުސްއިން ކުރާ މަސައްކަތުގެ ހެއްކެކެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު