ENGLISH
03 ފެބްރުއަރީ 2026
ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން ކުރީގެ ރައީސް ވަހީދު އިސްތިއުފާ ދެއްވައިފި
03 ފެބްރުއަރީ 2026
|
ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ޑރ.ވަޙީދު އެ މަގާމުން އިސްތިއުފާދެއްވިކަން އަންގަވައި ރައީސަށް ސިޓީ ފޮނުއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވިއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވަނިކޮށް އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީނާ ވަހީދުގެ މެދުގައި އޮތް ގުޅުން ހާމަވުމާ ގުޅިގެން މަގާމުން އިސްތިއުފާދެއްވުމަށް ގިނަ ބަޔަކު އައީ ގޮވައިލަމުންނެވެ.
ރައީސް ވަހީދާއި އެޕްސްޓީނުގެ މެދުގައި ކުރެވިފައވާ ގިނަ މުއާމަލާތްތަކެއް ހާމަވީ އެޕްސްޓީނުގެ ކޭސްއާ ގުޅުންހުރި 3 މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުން އެމެރިކާގެ ޖަސްޓިސް ޑިޕާޓުމެންޓުން ހާމަކުރުމުންނެވެ. އެ ލިޔުންތަކުގެ ތެރޭގައި އެޕްސްްޓީނާއި ވަހީދުގެ މެދުގައި ކުރެވިފައިވާ ގިނަ މުއާމަލާތްތަކެއް ހިމެނެއެވެ.
އާއްމުކޮށްފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ޑރ.ވަހީދު ހުންނެވި ޒަމާނުއްސުރެ އެޕްސްޓީނާ ގުޅުން އޮތެވެ. އަދި ވެރިކަމުގައި ހުންނެވިއިރު މާލީ ކަންކަމާއި ސިޔާސީ އެކި ކަންކަމުގައި އެޕްސްޓީނުގެ ލަފާ ހޯއްދަވާފައިވެއެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ވިޔަފާރީގެ އެކި މުއާމަލާތްތައް ހިންގެވުމަށް އެޕްސްޓީނަށް ހުށަހަޅުއްވާފައިވެއެވެ.
އޭގެ އިތުރަށް އާއްމުކޮށްފަައިވާ މެއިލްތަކުން އެނގޭ ގޮތުގައި އެމެރިކާގެ ނިއުޔޯކުގައި އަދި ފުރާންސްގެ ޕެރިހުގައި އެކި ފަހަރު މަތިން ޑރ.ވަހީދުވަނީ އެޕްސްޓީނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ބައެއް ބައްދަލުވުންތަކުގައި ޑރ.ވަހީދުގެ އާއިލާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފަައިވެއެވެ.
ޑރ.ވަހީދާއި އެޕްސްޓީނުގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަަމުންދާއިރު، އެޕްސްޓީނާ ގުޅުން އޮތް އެކި ގައުމުތަކުގެ ވެރިންވެސް ގެންދަވަނީ މަގާމުން އިސްތިއުފާދެއްވަމުންނެވެ. އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އަންނަނީ އެޕްސްޓީނާ ގުޅުން އޮތް ފަރާތްތަކާމެދު ތަހުގީގެއް ހިންގަމުންެނެވެ.
އިސްތިއުފާދެއްވުމާ ގުޅިގެން ކުރީގެ ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަހީދާ އެޕްސްޓީނާ ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިން ކަމަށެވެ. އަދި އެޕްސްޓީނާއި ވަހީދާ ދެމެދުގައި އޮތް ގުޅުމަކީ ޕްރޮފެޝަނަލް ގުޅުމެއްކަމަަށާއި، އެ ގުޅުން އުފެއްދެވީ އެއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ހާލަތުން އަރައިގަތުމަށް ބޭނުންވާ އިރުޝާދާއި މައުލޫމާތު ދެވޭނެ ގާބިލު މީހެއްގެ ގޮތުގައި ދައުލަތްތަކުގެ ވެރިން އޭނާ ތައާރަފުކޮށް އެރުވުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ ވަހީދާ އެޕްސްޓީނުގެ މެދުގައި ގުޅުން އުފެދުނުއިރު އެޕްސްޓީނުގެ މައްޗަށް 2008 ވަނަ އަހަރު ކުޑަކުއްޖަކާ ޖިންސީ ގުޅުން ބާއްވައިގެން ހުކުމެއް އިއްވާފައި އޮތްކަން ރައީސް ވަހީދަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަންކަން އެނގިވަޑައިގެންނެވިނަމަ ފުރަތަމަ ބައްދަލުވުމަށްފަހު އިތުރު ގުޅުމެއް އެޕްސްޓީނާ އެމަނިކުފާނު ނުބޭއްވެވީސްކަމަށް އެބަޔާނުގައި ބުންޏެވެ.
އަދި އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވެވީ އެޕްސްޓީނާ އެއްވެސް ބާވަތެއްގެ ކުޑަ ނަމަވެސް ބާއްވަވައިފިނަމަ އެކަމުގެ ވަށައިގެން އުފެދިފައި އޮތް ވިހަކަމުގެ ސަބަބުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދިވަޑައިގަންނަވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެޕްސްޓީނުގެ ޖިންސީ އަނިޔާގެ ޝިކާރައަށްވީ ބައެއް އަންހެނުން ތުހުމަތުކުރާ ގޮތުގައި އެމީހުން ކުޑައިރު އެމެރިކާއަށް އަދި ކެރީބިއަންގައި އޮންނަ އޭނާގެ ޕްރައިވެޓް އައިލެންޑަށް އެމީހުން ގެންގޮސް އޭނާގެ އިތުރަށް އޭނާގެ ގާތް މީހުން އެކުދިންނާމެދު ނަހަމަ ޖިންސީ ގުޅުން ހިންގާފައިވެއެވެ.