ENGLISH
10 އޭޕްރީލު 2025
ހެއިޑެންހެއިމް އަތުން ހޯދި މޮޅާ އެކު ބަޔާނުން ލީޑު ފުޅާކޮށްފި
08 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ބަޔާނަށް ލަނޑު ޖަހައިދިނުމަށް ފަހު މުސިއާލާ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުގައި ހެއިޑެންހެއިމް އަތުން 4-2 އިން ހޯދި މޮޅާއެކު ބަޔާން މިއުނިކުން ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.
މި ނަތީޖާއާ އެކު ބަޔާން އެއްވަނައިގައި އޮތީ 13 މެޗުން 33 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އެއިންޓްރަކްޓް ފްރެންކްފާޓް އޮތްއިރު، ތިންވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް 13 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ހަތަރުވަނައިގައި އާރްބީ ލީޕްޒިގު އޮތީ 13 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މި މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް މި ލަނޑުޖަހައިދިނީ ޑަޔޯޓް އުޕަމެކާނޯ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މަތިއަސް ހޮންސަކްގެ ގޯލުން ހެއިޑެންހެއިމް އެއްވަރުކޮށްފައިވަނިކޮށް، އޭގެ ކުޑައިރުކޮޅެއް ފަހުން ޖަމާލް މުސިއާލާ ވަނީ ބަޔާނަށް ލީީޑު ނަގައިދީފައެވެ.
އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ލެއޮން ގޮރެޓްޒްކާގެ ގޯލުން ބަޔާންގެ ލީޑު ފުޅާކުރިއެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން، ހެއިޑެންހެއިމްގެ ނިކްލަސް ޑޯޝް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުސިއާލާ ވަނީ ލަނޑެއް ޖަހައި، ބަޔާންގެ ދެލަނޑުގެ ލީޑު ދަމަހައްޓައި މޮޅު ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބަޔާ ލެވަކޫސަންގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ސެއިންޓް ޕައުލީ ބަލިކޮށްފައެވެ. ބޮރޫޝިއާ މުންޗެންގްލަޑްބަކްގެ ދަނޑުގައި 1-1 އިން ބޮރޫޝިއާ ޑޯޓްމުންޑްއާ ވަނީ އެއްވަރުވެފައެވެ.