ENGLISH

03 ފެބްރުއަރީ 2026

Advertisement

ނިމުނު އަހަރު ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި 1.3 ބިލިއަަން ރުފިޔާ ދެއްކި

03 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބޭންކުތަކަށް ލިބުނު ފައިދާއާއި ދައުލަތަށް ދެއްކި ޓެކުސް އިތުރުވެފައިވޭ، ފޮޓޯ: ބީއެމްއެލް

ފާއިތުވި 2025 ވަނަަ އަހަރު ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދެއްކިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބޭންކުތަކަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެންބަރުގެ ނިޔަލށް 6.5 ބިލިއަން ރުފިޔާ އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި އަދި އިންޓަރެސްޓު ނޫން އާމްދަނީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބުނެވެ. 

އިންޓަރެސްޓާ ގުޅުންހުރި ހަރަދުތަކަށް ހިނގި 1.4 ބިލިއަން ރުފިޔާ އުނިކުރުމަށްފަހު ޖުމްލަ 8.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބޭންކުތަކަށް ލިބުނުއިރު، މުވައްޒަފުންނަށް 924.3 މިލިއަން ރުފިޔާ އަދި އެހެނިހެން ހަރަދުތަކަށް 2.1 ބިލިއަން ރުފިޔާ ހަރަދުވިއެވެ. 

ހުރިހާ ހަރަދުތައް އުނިކުރުމަށްފަހު ޓެކުސް އުނިކުރުމުގެ ކުރިން އާމްދަނީގެ ގޮތުގައި ބޭންކުތަކަށް ލިބުނީ 5.2 ބިލިއަން ރުފިޔާއެވެ. އެ އާމްދަނީގެ ތެރެއިން އިންކަމް ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ބޭންކުތަކުން ދެއްކިކަން މަރުކަޒީ ބޭންކުގެ މާލީ ހިސާބުތަކުން ދައްކަައެވެ. 

އިންކަމް ޓެކުހާއި އެނޫންވެސް ހަރަދުތައް އުނިކުރުމަށްފަހު ބޭންކުތަކަށް 2025 ވަނަ އަހރު ޖުމްލަ 3.8 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. 

ފާއިތުވި އަހަރު އާމްދަނީގެ ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައުލަތަށް ދެއްކި ފައިސާގެ އަދަދަކީ އޭގެ ކުރީ އަހަރު ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދެއްކި ފައިސާގެ އަދަށްވުރެ 14.1 އިންސައްތަ އިތުރު އަދަދެކެވެ. ބޭންކުތަކަށް ނިމުނު އަހަރު ލިބުނު ސާފު ފައިދާ، 2024 ވަނަ އަހަަރު ލިބުނު ސާފު ފައިދާއަށްވުރެ 15.3 އިންސައްތަ މަތިވެފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައެވެ. 

ޖުމްލަކޮށް ބޭންކުތަކަށް ލިބުނު އާމްދަނީއައި ސާފު ފައިދާގެ އިތުރަށް ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައުލަތަަށް ދެއްކި ފައިސާ އިތުރުވިއިރު، ފާއިތުވި 2025 ވަނަ އަހަރަކީ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއަށްވެސް ބޮޑު ފައިދާއެއް ލިބުނު އަހަރެކެވެ. 

ކިޔުންތެރިންގެ ހިޔާލު