ENGLISH

04 ފެބްރުއަރީ 2026

Advertisement

މަސް ރައްކާކުރުމުގެ ގާބިލުކަން ނެތި ގެއްލުމުގައި ކުންފުނިތައް ހިންގަންޖެހޭ ހާލަތު ބަދަލުކުރާނަން: ޝިޔާމު

03 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު ޝިޔާމް

ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން ނެތުމުގެ ނަތީޖާއެއްގެ ގޮތުން މަސް ކުންފުނިތައް ހިންގަަންޖެހެނީ ގެއްލުމުގައިކަމަށާއި މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ފިޔޯރީގައި މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކައި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މިވަގުތު ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން ހުރީ 9،500 ޓަނުގެ މަސް ރައްކާކުރެވޭ މިންވަރަށް ކަމަށެވެ. 

މިއީ ގާތްގަނޑަކަށް މޫސުމީ މަސްވެރިކަމަށް ބަލާނަމަ ދެ ހަފްތާގެ މަސްކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސް ރައްކާކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ބޭރުގެ ބާޒާރުގައި މަހުގެ އަގު ކޮންމެ ގޮތަކަށް ހުއްޓަސް މަސް ބޭރުކުރަން މަޖުބޫރުވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން މިފްކޯ ފަދަ ސަރުކާރުގެ މަސް ކުންފުނިތައް ހިންގަަންޖެހެނީ ގެއްލުމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސްޓޯރޭޖުތައް ފުރޭ މިންވަރު ބޭރުގެ ފަރާތްތަކުން ވެސް ބަލާތީ މަހުގެ އަގު ތިރި ކޮށްލަނީ ބާޒާރުގައި. ނަތީޖާއެއްގެ ގޮތުން މިފްކޯ ފަދަ ސަރުކާރުގެ މަސް ކުންފުނިތައް ހިންގަަންޖެހެނީ ގެއްލުމުގައި. ހުރިހާ ސަރުކާރަކުން ވެސް ބޭނުންވޭ އަޅުގަނޑުމެން ބާނަ މަސް ބައިނަލްއަގްވާމީ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ ވަގުތުގައި ބޭރުކޮށްލަން. ހަގީގަތުގައި އަޅުގަނޑުމެންނަކީ ދޮށީގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ގައުމު. އެކަމަކު ބާނާ މަހަށް އަގު ކިޔުމުގެ ބާރެއް އަޅުގަނޑުމެންނަކަށް ނެތް. " - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު

މަސްވެރި ސިނާއަތުގެ ކަންކަން މިގޮތަށް ހުރި ނަމަވެސް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މަސް ރައްކާ ކުރެވޭނެ ނިޒާމު 9،500 ޓަނުން 25،000 ޓަނަށް މި ސަރުކާރުން އިތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ހއ. އިހަވަންދޫގައި 1،000 ޓަނު، ޅ. ފެލިވަރުގައި 4،000 ޓަނު، ފ. ނިލަންދޫގައި 1،500 ޓަނު، މ. މުލަކުގައި 500 ޓަނު، ތ. ހިރިލަންދޫގައި 200 ޓަނު، ގއ. ކޫއްޑޫގައި 4،000 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު، ގދ. ފިޔޯރީގައި 3،000 ޓަނު އަދި ސ. ހުޅުމީދޫގައި 1،000 ޓަނު އިތުރު ކުރާނެ އެވެ.

ވަޒީރު ވިދާޅުވީ 40 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ފެލިވަރު މަސްކާރުހާނާގެ ކެޕޭސިޓީއަކީ 50 ޓަނު ކަމަށާއި އެއީ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، ރައީސް މުއިއްޒު ނިންމަވާފައި ވަނީ ވަޒީރު ވިދާޅުވި ގޮތުގައި ފެލިވަރު ފެކްޓަރީގެ ކެޕޭސިޓީ 100 ޓަނަށް މަތިކުރާށެވެ.

މި ފެކްޓަރީތައް ގާއިމް ކުރެވުމުން މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ ކުރެވުނީ ކަމަށާއި މިވަގުތު ހުރި ކެޕޭސިޓީގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އާމްދަނީއަކީ 92 މިލިއަން ޑޮލަރުކަމަށް ވީއިރު ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ނިމުމާއެކު ރާއްޖޭގެ މަސް އެކްސްޕޯޓު ކޮށްގެން ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް ބަދަލު ކުރެވިގެންދާނެކަމަށް ވަޒީރު އޭރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު