ENGLISH
03 ފެބްރުއަރީ 2026
ދިއްދޫ ބިން ހިއްކުން ބާރު ދުވެލީގައި ކުރިއަށް؛ ކުޑަ މުއްދަތެއްގެ ތެރޭ %56 މަސައްކަތް ނިންމައިފި
03 ފެބްރުއަރީ 2026
|
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު، ފޮޓޯ: ފޭސްބުކް
އެންމެ މަޤްބޫލު
ހއ.ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް ހިންގަމުންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ 56 އިންސައްތަ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކުރިއަށްގެންދާ ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މަސައްކަަތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރުން އެއް ޑްރެޖަރު ގެނެސްގެންނެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
އެމްއޭސީއެލްއިން މިއަދު އެމްއެމްޓީވީއަށް މައުލޫމާތު ދިން ގޮތުގައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަަތް ވަރަށް ހަލުއިކޮށް ކުރިއަށް އެބަދެއެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެެއީ މި މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ 56.25 އިންސައްތަ ބިމެވެ.
ދިއްދޫ ބިން ހިއްކުމަށް ގެނެސްފައިވާ ލެއިވް އެރިކްޝަން ޓެރެއިން ސަކްޝަން ހޮޕާއަކީ 46،000 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ ގާބިލުކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
ދިއްދޫގައި އެއާޕޯޓެއް ގާއިމުކޮށްދެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެ ރަށުގައި ބިން ހިއްކަނީ އެ އެއާޕޯޓު ތަރައްގީކުރުމަށާއި، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
ސަރުކާރުން ބުނެފައިވަނީ ދިއްދޫ އެއާޕޯޓަކީ ހއ.އަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދީ މުޅި ސަރަހައްދުގެ އިގުތިސާދަށް ދިރުން ގެނުވާނެ މަޝްރޫއެއް ކަމށެވެ. ހއ.ގައި ދިއްދޫ އޮންނަ ފަޅީގައި ވަށަފަރާއި ފިއްލަދޫއާއި ކެލާ، މުރައިދޫ އަދި ބާރަށް އަދި އުތީމު އޮންނާތީ މި އެއާޕޯޓުގެ މަންފާ އެ ރަށްތަކުގެ ރައްޔިތުންނަަށް ލިބޭނެއެވެ.