ENGLISH

03 ފެބްރުއަރީ 2026

Advertisement

"ކުރި" ޕޯޓަލްއާ އެކު ލަސްވުމެއް ނެތި ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ: ވަޒީރު

03 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ކުރި ޕޯޓަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވާހަކަދައްކަވަނީ. ފޮޓޯ: ވުޒާރާ

މިއަދު ތަޢާރަފްކުރި ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް، "ކުރި" ޕޯޓަލްއާއެކު ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލު ލިބި، ލަސްވުމެއް ނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ކުރި ޕޯޓަލް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރި ޕޯޓަލްއާއެކު އެތައް ލުއިފަސޭހައެއް ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"ކުރި ނިޒާމަކީ ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތައް ހައްލެއް ހޯދައިދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ނިޒާމެއް. މި ނިޒާމުގެ ސަބަބުން ލިޔެކިއުންތައް ފުރިހަމަކުރުމުގެ މަސައްކަތް ހަލުވިވެ ލަސްވުމެއް ނުވެ ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ. އަދި ދަރިވަރުންނަށް އެ ފަރާތްތަކަށް ފައިސާގެ މުޢާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލާލެވޭނެ" - ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

ކުރި ޕޯޓަލްއިން، ސްކޮލަރޝިޕްތަކާއި ފަންޑިން ޕްރޮގްރާމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް ނިމުން ގެނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އެއްބަސްވުންތަކާއި ފައިސާ ދޫކުރާނެ ތާވަލުތައް އަމަލީ ގޮތުން އެކުލަވާލެވި މަސައްކަތުގެ ޞައްޙަކަން ކަށވަރުކުރެވި ހަލުވިކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މުޢާމަލާތު ކުރުމުގައި ހުރި ހުރަސްތައް ނައްތާލައި ޚިދުމަތްތައް ފަހިކުރުމަށްޓަކައި ޕޯޓަލްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޤައުމުގެ ޒުވާނުން މަތީ ތަޢުލީމު ހާސިލްކުރުމުގައި ހުރި ދަތިތައް ނައްތާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން، ސްކޮލަރޝިޕްތަކާއި މަތީ ތަޢުލީމު ހާސިލްކުރުމުގައި އަދި ލޯނު ދޫކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް މީގެކުރިން ކުރިމަތިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.  

ކަންކަން ހައްލުކުރުމުގައި ހުރި ދަތިތަކާއި، ނިޒާމުގެ ތެރޭގައި ހުރި ބަލިކަށިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫއަރައި ކުދިންގެ ކިޔެވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ސަރުކާރުން ގަބޫލުކުރާ ކަމަށާއި، ކަންކަން ވިލަރެސްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން އުފުލަންޖެހުނު ބުރަ ސަރުކާރަށް ވަޒަންކުރެވުނުކަމަށް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކުރި ޕޯޓަލް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ

ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ މި ހުރިހާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. އެގޮތުން، ކުރި ޕޯޓަލްއާއެކު އެޅުނީ މަތީ ތަޢުލީމުގެ ނިޒާމް ހަރުދަނާކުރުމުގެ މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ހައްލަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންގެންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ދުވެލި އަވަސްކޮށް ކުށްތައް މަދުކޮށް މުޅި މުއައްސަސާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެއް" ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ. 

މި ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ އިތުބާރުހުރި އަދި ހަލުވި ތަޢުލީމީ ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން އިސްކަންދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ކުރި ޕޯޓަލްއަކީ ދައުލަތުގެ ބަޖެޓުގައި ތައުލީމަށް އެންމެ މަތީ ދަރަޖައިގެ އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

"ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ލަސްތަކެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ގެއްލިގެންނުދާނެކަން ކަށަވަރުކުރުން" ވަޒީރު ވިދާޅުވިއެވެ. 

މާލީ ނިޒާމުތަކާއި، ކުރި ފަދަ ނިޒާމުތަކަށް އިންވެސްޓް ކުރުމުން ހާމަވަނީ ތައުލީމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ދާއިރާކަން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު