ENGLISH
03 ފެބްރުއަރީ 2026
ޖަރުމަންވިލާތުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ.މުޢިއްޒު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަނީ
03 ފެބްރުއަރީ 2026
|
ދަތުރުފުޅަކަށް ރައީސް ފުރާވަޑައިގަތުމުގެ ކުރިން ނައިބުރައީސް އެމަނިކުފާނަށް އަލްްވަދާއު ވިދާޅުވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޖަރުމަަންވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަންވިލާތަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި މި ދަތުރުފުޅުގައި ޖަރުމަންވިލާތަށް ރައީސް ވަޑައިގަންނަވާނީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ޖަރުމަންވިލާތުގެ ރައީސް ސްޓައިންމަޔަރއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވަން ނިންމަވާފައިވާއިރު، މި ދަތުރުފުޅުުގެ ސަބަބުން ޖަރުމަނުވިލާތާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ"އާ ގުޅޭ ގޮތުން ރައީސް ތަގުރީރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތްކުރައްވައި އެތަނުގައިވެސް އެމަނިކުފާނު ތަގުރީރުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދިނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނައި ސަރުކާރުގެ އިސްވެރިންގެ އިތުުރަށް ރާއްޖޭގެ ބައެއް ވިޔަފާރިވެރިންވެސް ރައީސް އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު ޖަރުމަނުގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ބިޒްނަސް ފޯރަމެއް ބާއްވާނެއެވެ. އެއޯ ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވާ ފޯރަމެކެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ޖަރުމަންވިލާތުގެ މެދުގައި ޖުލައި 5، 1996 ވަނަ ދުވަހު ހާރިިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރިހީ މުނާސަބަތާ ދިމާވާ ދަތުރުފުޅެކެވެ.