ENGLISH
03 ފެބްރުއަރީ 2026
ރޭގެ ނިޔަލަށް 32،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި
03 ފެބްރުއަރީ 2026
|
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުން. ފޮޓޯ: ސިޓީތަކާބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރޭގެ ނިޔަލަށް 32،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ އަދާހަމަ "އެމްއެމްޓީވީ"އާ ހިއްސާކޮށް ވުޒާރާއިން ބުނީ ރޭ ގެ ނިޔަލަށް ގްރެޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 32،628 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށެވެ. ވުމާއެކު، މިހާތަނަށް މާލެ ސަރަހައްދުގެ 49.8 އިންސައްތަ ގޭބިސީތަކަށް މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަށްރަށުގައި ކުރަމުން އަންނަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
ގްރެޓާ މާލެ ސަރަހައްދަށް ބަލާއިރު މި ސަރަހައްދުފައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަނީ މިފްކޯ މައި މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ގަލޮޅު ދަނޑު އަދި ހެންވޭރު ދަނޑުގައެވެ.
ހުޅުމާލޭ ފޭސް އެކަކުން މަސްދަޅު ކޭސް ދޫކުރާނީ ޢުމްރު ޒާހިރު ޢިމާރާތުންނާއި، ޕޮލްކޯ ޓަވަރުންނާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. އަދި ހުޅުމާލެ ފޭސް ދެއަކުން މަސްދަޅު ކޭސް ދޫކުރާނީ ކާމިލްދީދީ ޕްރީ ސްކޫލުންނާއި، ހިޔާ ޓަވަރު 10ގެ އިތުރުން އެމްޕީއެލް ޓަވަރު ޕީ އިންނެވެ. މީގެއިތުރުން ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.