ENGLISH
03 ފެބްރުއަރީ 2026
ތާރީހީ ކާމިޔާބެއް؛ ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ 1،323 ކެންޑިޑޭޓުން ވާދަކުރާނެ
03 ފެބްރުއަރީ 2026
|
ލޯކަލް ކއުންސިލު އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މިހާތަނަށް ކަައުންސިލު އިންތިހާބަކަށް އެންމެ ގިނަ ކެންޑިޑޭޓުން އެއް ޕާޓީން ނެރުމުގެ ރިކޯޑު ހަދައި، ޖުމްލަ 1،323 ކެންޑިޑޭޓުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ނެރެފިއެވެ.
އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލު އިންތިހާބަށް މިހާތަނަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފުސީލު މިއަދު އިލެކްޝަންސް ކޮމިޝަނުންވަނީ އާއްމުކޮށްފައެވެ. ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި އެ ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވީ ހަ ޕާޓީއަކުން ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.
ކައުންސިލުތަކުގެ ގޮނޑިތަކަށް ސިޔާސީ ޕާޓީތަކުން 1،210 ކެންޑިޑޭޓުން ވާދަކުރައްވާއިރު، ކޮންގުރެސް ޕާޓީގެ ފަރާތުން 665 ކެންޑިޑޭޓުން ކަައުންސިލުތަކުގެ އެކި މަގާމުތަކަށް ވާދަކުރައްވައެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ކައުންސިލުތަކުގެ ގޮނޑިތަކަށް ވާދަކުރައްވަނީ 495 ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން އަށް ކެންޑިޑޭޓުން އަދި މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސްއިން 31 ކެންޑިޑޭޓުން އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އަށް ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީން ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ފޯމު ހުށަހެޅުއްވި 1،611 ބޭފުޅުންގެ ތެރެއިން 1،116 ބޭފުޅުންނަކީ ފަސް ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންނެވެ. އެއިން 665 ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ 417 ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 7 ކެންޑިޑޭޓުން ވާދަކުރައްވާއިރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ޓިކެޓުގައި 28 ބޭފުޅުން، އަދި އަދާލަތު ޕާޓީގެ ޓިކެޓުގައި ހަ ކެންޑިޑޭޓުން ވާދަކުރައްވައެވެ.
ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބުގައި އިންތިހާބުކުރާ މަގާމުތަކަށް 1،323 ބޭފުޅުން ވާދަކުރައްވާއިރު މިއީ ރާއްޖޭގެ ތާރީހުގައި ޕާޓީއެއްގެ ޓިކެޓުގައި އެއް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވެފައިވަނީ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދެވުމުގެ ފުރުސަތު އޮންނާނީ އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތު ނެގުމާ ހަމަައަށް ކަމުގައެވެ. އެއަށްފަހު އެއްވެސް ބޭފުޅަކަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، މި ހަފުތާ ތެރޭގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް ގުރުއަތު ނެގުން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިމަހުގެ 12 ނުވަތަ 13 ހިސާބުގައި އަޅުގަނޑުމެންނަށް ގުރުއަތުލުމުގެ ކަންކަން ފެށޭނެކަމަށް މިބަލަނީ. އެހިސާބަށް ކޮންމެ ފަރާތަކަށްވެސް ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮންނާނެ،" ސަަލާހު ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުއާޒު ހަލީމު މިއަދު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މި އަދަދުތަކުން އެނގެނީ ރާއްޖޭގައި އެންމެ އިންތިޒާމީ ގޮތެއްގައި ސިޔާސީ ހަރަކާތްތައް ހިންގަމުންދަނީ ކޮންގުރެސް ޕާޓީންކަން ކަމަށެވެ. އަދި އެ ޕާޓީން މިހާރު ސިޔާސީ މަސައްކަތްތައް ހިންގުމަށް ގެނައި ބޮޑު ބަދަލަށް ރައްޔިތުންގެ ތަރުހީބު ލިބެމުންދާކަން އެ އަދަދުން ހާމަަވާކަމަަށް މުއާޒު ވިދާޅުވިއެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު ހިންގަމުންދާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ހިންގެވުން ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަަތްޕުޅުގެ ސަބަބުން އައި ހެޔޮ ބަދަލެކެވެ.