ENGLISH
03 ފެބްރުއަރީ 2026
ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު؛ މަތީ ތަޢުލީމުގެ ޚިދުމަތްތަކަށް 'ކުރި' ޕޯޓަލް ތަޢާރަފްކޮށްފި
03 ފެބްރުއަރީ 2026
|
ކުރި ޕޯޓަލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް މިއަދު ތަޢާރަފްކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު އެވެ.
ވުޒާރާއިން ބުނީ އަލަށް ތަޢާރަފްކުރި ޕޯޓަލް ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުން ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭތަކެއް ލިބިގެންދާނެ ސިސްޓަމަކަށް ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ސްކޮލަރޝިޕްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ލޯނު ދޫކުރުމާއި ގުޅޭ މަޢުލޫމާތުތައް ލިބޭނެއެވެ. އަދި، މީގެކުރިން އީމެއިލްކޮށްގެން ޖަވާބު ނުލިބޭކަމަށް ދަރިވަރުން ކުރަމުން އައި ޝަކުވާއަށް ވެސް މި ޕޯޓަލްއާ އެކު ނިމުން އަންނާނެއެވެ.
ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް ވަޒީރު ޢަލީ ޙައިދަރު އިފްތިތާޙުކޮށްދެއްވަނީ. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ތަޢުލީމަކީ ޤައުމީ ފެންވަރުގެ އެންމެ އިސްކަންދޭ ދާއިރާކަމަށާއި، ލަސްތަކެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތަޢުލީމީ ފުރުޞަތު ގެއްލިގެން ނުދާނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި 8 ދަރިވަރަކު ވަނީ "ކުރި" ޕޯޓަލް ތަޖުރިބާކޮށްފައެވެ. އަދި، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރަކު ވަނީ "ކުރި" ޕޯޓަލްގެ ޓްރަޔަލް ވާޝަންގެ ތަޖުރިބާ ހިއްސާކޮށްފައެވެ. ދަރިވަރު ބުނީ، ކުރި ޕޯޓަލްއާ އެކު ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ. ޚާއްޞަގޮތެއްގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީން މީގެކުރިން މަޢުލޫމާތު ހޯދުމަށް އީމެއިލް ކުރުން ޖެހޭކަމާއި، ކުރި ޕޯޓަލްއާއެކު އެފަދަ ކަންކަމަށް ލުއި ލިބިގެން ގޮސްފައިވާކަން ދަރިވަރު ފާހަގަކުރިއެވެ.
ސްޓޫޑެންޓް ލޯނާއި ފްރީ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން ފޮނުވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބު ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް ޕޯޓަލެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.