ENGLISH
03 ފެބްރުއަރީ 2026
ޒުވާނުން މަސްވެރި ސިނާއަތް ދޫކޮށްލީ އެމްޑީޕީ ސަރުކާރަށް އިތުބާރު ނެތީމަ: ނައިބު ރައީސް
03 ފެބްރުއަރީ 2026
|
ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުން އިފްތިތާހުކޮށްދެއްވައި ނާއިބު ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އުތުރުގެ ބައެއް ރަށްތަކުގެ ޒުވާނުން މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލައި އެހެނިހެން ވަޒީފާތަކަށް ދާންޖެހުނީ އެއިރުގެ ވެރިކަމާމެދު އިތުބާރު ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާ މަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫޢެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅުއްވަން ސަރުކާރުން ނިންމާފައިވާކަމަށެވެ.
ފިޔޯރީއަކީ ތަރައްޤީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި، އަދި ފިޔޯރީއަކީ ތަރައްޤީއާއި އަމިއްލަވަންތަކަން ދިރުވައި އާލާކުރަމުންދާ ރަށެއްކަމުގައި ވިދާޅުވިއެވެ. އަދި މި ކާރުހާނާ ގާއިމުކުރެވުމުން، މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ.
މި ކާރުޚާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުއްވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެމުން އަންނައިރު ވެސް މިއަދު އިވޭ ވާހަކައަކީ ޒުވާނުން މި ދާއިރާ ދޫކޮށް ދާ ވާހަކަކަމަށާއި އެކަން އެހެންވީ ކުރީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ބައްޓަންކޮށްފައި އޮތް ގޮތުން މި ދާއިރާއަށް އަދި އެ ސަރުކާރަށް ޒުވާނުންގެ އިތުބާރު ނެތުމުންކަމަށް ވިދާޅުވިއެވެ.
"އެކަން އެހެންވީ ކީއްްވެގެންތޯ؟. އެއީ އަޅާނުލެވުނީމައި ދެއްތޯ؟. ވޭތުވެދިޔަ ތަނުގައި އެކަންކަމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވުނީމައި މިހާ ހިސާބަށް ކަންކަން މިދަނީ. މަސްވެރިކަމުގެ ސިނާއަތް އޭރު ދޫކޮށްލި ޒުވާނުންނާއި ސަރުކާރާ ދެމެދު އިތުބާރުގެ މައްސަލަތަކެއް އޭރު އުޅުނު. ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމާ ގުޅިގެން ދާއިރާއަށް އިންވެސްޓު ކުރާނޭކަމާއި މެދަކު ޝައްކެތްނެތް. އެހެންކަމުން އޮޑިދޯނިފަހަރުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް އަބަދުވެސް އެފަުރުސަތު އޮންނާނެކަމުގެ ޔަގީންކަންދީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ. އުތުރުގެ ބައެއް ރަށްތަކުގެ ޒުވާނުން މަސްވެރި ސިނާއަތާ ދުރަށްދިޔައީ އެމްޑީޕީ ސަރުކާރަށް އިތުބާރު ނެތީމަ." - ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް
ސަރުކާރާ ދޭތެރޭ އިތުބާރު ނެތި، ދާއިރާއަކުން މުސްތަގުބަލު ނުފެންނަކަމަށް ވާނަމަ އެހެން ދާއިރާއެއް އިހުތިޔާރު ކުރާނެކަމަށާއި، ނަމަވެސް މިއަދު މަސްވެރި ދާއިރާއިން ފުރުސަތުތައް ފަހިވެ، އުޖާލާ މުސްތަގުބަލެއްގެ ކޮޅުމަތި ފެންނަމުން އަންނަކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިޤްތިޞާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމުގައި ވިދާޅުވިއެވެ.
ޒުވާނުން މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލައި އެހެނިހެން ވަޒީފާތަކަށް ދާންޖެހުނީ އެމްޑީޕީގެ ވެރިކަމަށް އިތުބާރުނެތުމުން ކަމަށް ނާއިބު ރައީސް ވިދާޅުވިއިރު އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ފެނަކައާއި އާރްޑީސީ ފަދަ ކުންފުނިތަކަށް ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި މަސްވެރި ސިނާއަތުގައި އުޅުނު ގިނަ އަދަދެއްގެ ޒުވާނުން ނަގާފައިވާކަމަށް ބުނެ ގިނަ ރައްޔިތުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުސްވި އެމްޑީޕީ ސަރުކާރުން މަސްވެރި ސިނާއަތަށް ވެފައިވާ ވައުދުތައް ވެސް ފުއްދާފައެއް ނުވެއެވެ. އެގޮތުން ގޭދޮށު މަސްފެކްޓަރީ ގާއިމުކުރުމުގެ ވައުދާއި، މަސްވެރިން ބާނާހާ މަހެއް ވިއްކި ބަންދުކުރެވި ބޭކުރެވިދާނެ އިންތިޒާމެއް ގާއިމުކުރުމުގެ ވައުދާއި، ބާނާ މަހަށް ގަވާއިދުން ފައިސާ ދިނުމުގެ ވައުދާއި ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތައް ވެސް ފަސް އަހަރުގެ ދައުރެއް ނިމިގެންދިޔައިރު ފުއްދާފައެއް ނުވެއެވެ.