ENGLISH
03 ފެބްރުއަރީ 2026
ދިވެހިރާއްޖޭގެ 52 ދަނޑުވެރިން ތަމްރީނު ޕްރޮގާރާމެއްގައި ބައިވެރިވުމަށް ލަންކާއަށް ފުރައިފި
03 ފެބްރުއަރީ 2026
|
ދަނޑުވެރިންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ސްރީލަންކާގައި ކުރިއަށްދާ އެޑްވާންސްޑް ހޯޓިކަލްޗަރ އެކްސްޕޯޝަރ ޓްރެއިނިންގ އެއްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ 52 ދަނޑުވެރިއަކު ފުރައިފި އެވެ.
މި ހޯޓިކަލްޗަރ އެކްޕޯޝަރ ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހިމެނިފައިވަނީ މެޕް ގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމަރ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ ބައިވެރިންނާއި އަދި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސް ގައި ދަނޑުވެރިކަން ކުރަންފަށައިވާ ދަނޑުވެރިން ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމްއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ކުރިއަަށް ގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ޖުމަލް 10 ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމްގައި، އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާގޮތުގެ މަޢުލޫމާތު ދިނުމާއެކު އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު ދަނޑުވެރިންނަށް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ،
ދިވެހިރާއްޖޭގެ ދަނޑުވެރިންނަކީ ޒާމާނީ ދަނޑުވެރިކަމަށް އަހުލުވެރި ބަޔަކަށް ހެދުމަށް، ދަނޑުވެރިންނަށް އަމާޒުކޮށްގެން މެޕް އިން ވަނީ އެކި ރަށް ރަށުގައި ތަމްރީނު ޕްރޮގްރާމް ހިންގާފަ އެވެ. އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތަޢާރަފް ކޮށްފަ އެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކާއި އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް މެޕްގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޒަމާނީ ދަނޑުވެރިކަމުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ގެ ހިލޭއެހީގެ ދަށުންކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ތަމްރީނު ޕްރޮގްރާމް ވެގެންދާނީ، މިހާތަނަށް ރާއްޖޭން އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން ރާއްޖެއިން ބޭރުގައި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފުރަތަމަ ފަހަރަށެވެ.