ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް 2024: މީދޫ އާއި ދިއްދޫ ދެވަނަ ބުރަށް، ކުޑަހުވަދޫ ކަޓައިފި
08 ޑިސެމްބަރު 2024
|
މުބާރާތުގައި ދިއްދު އާއި މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ދ. މީދޫ އާއި ހއ. ދިއްދޫ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މީގެ އިތުރުން މި ގްރޫޕުގެ އެއްވަނައިގައި އޮތް ފުވައްމުލަކު ސިޓީ އަށް، ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ދެވަނަ ބުރު ވަނީ ޔަގީންކޮށްފައެވެ. ދެވަނައިގައި އޮތް ދިއްދޫ އާއި ތިންވަނައިގައި އޮތް މީދޫ އަށް ލިބިފައިވަނީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ. ދިއްދޫ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ގްރޫޕުގައި ހިމެނޭ ދ. ކުޑަހުވަދު އާއި ގދ. ފަރެސްމާތޮޑާ ވަނީ މުބާރާތުން ކަޓައިފައެވެ.
ހަތަރު ވަނައިގައި އޮތް ކުޑަހުވަދޫ އަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފަރެސްމާތޮޑާ އަތުން ދިއްދޫ މޮޅުވީ 4-2 އިންނެވެ. މި މެޗުގައި ދިއްދޫން ޖެހި ހަތަރު ލަނޑުގެތެރެއިން އެ ޓީމުގެ ހައިޝަމް ރަޝީދު ވަނީ ހެޓްރިކެއް ހަދައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އާދަމް ނަސީމް އެވެ.
ފަރެސްމާތޮޑާގެ ލަނޑުތައް ޖެހީ މުޙައްމަދު އަބްދުލް އާތީ އާއި ޝައިސުއްﷲ އަޝަރަފެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދ. އަތޮޅަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމުގައި މީދޫން ވަނީ 2-1 ގެ ނަތީޖާއަކުން ކުޑަހުވަދޫގެ މައްޗަށް ކުރިހޯދާފައެވެ.
މީދޫގެ ލަނޑުތައް ޖަހައިދިނީ މުޒުދާން ހަސަން އާއި އިބްރާހިމް އިމްރާން އެވެ. ކުޑަހުވަދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ މުޙައްމަދު ޔާމީން އެވެ.