ENGLISH
10 އޭޕްރީލު 2025
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުގެ ގޮތުން މޮޅު އެތުލީޓުންނަށް ފުރުޞަތު ހޯދައިދޭނަން: ވަޒީރު ރާފިޢު
08 ޑިސެމްބަރު 2024
|
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު.
ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ކުޅިވަރު ކުޅުންތެރިންނަށް އިތުރު ފުރުޞަތުތަކާއި، ކުރިއެރުންތައް ހޯދައިދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ރޭ ވިދާޅުވީ، ރާއްޖޭގެ އެކި އެކި ރަށްތަކުގައި ހުނަރުގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެކި ރަށްތަކުގަ އާއި އެކި ރީޖަންތަކަށް ބަހާލައިގެން ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ކަންތައްތައް ބައްޓަންކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މިއީ ކޮންމެ މުބާރާތެއް މާލޭ އޭރިޔާގައި ބޭއްވުމުގެ ބަދަލުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމްގައި އޮތް ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަނެ، ކުޅިވަރުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ކުރެވިގެންދާނެ މުހިއްމު މަސައްކަތެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެ ނިޒާމު އޮންނަ ގޮތަކީ އެ ރީޖަންއެއްގައި ވަކިވަކި ކޮންފަރެންސްތަކެއް ހެދުމަށްފަހު، އެއިން ކޮންމެ ކޮންފަރެންސެއްގެ ދަށުން ކްލަބުތަކެއް ބައިވެރިވެވޭނެ ގޮތަށް ރޭވިގެން ހިންގޭ މުބާރާތްތަކެއްގެ ގޮތުގައި ކުރިއަށްގެންދިއުން ކަމަށެވެ.
އަދި، އެ ރީޖަނެއްގައި ހިމެނޭ ކޮންފަރެންސެއްގެ މެދުގައި މުބާރާތްތައް ބޭއްވުމަށްފަހު، ރީޖަންތަކުގައި އެ މުބާރާތެއް ބާއްވައި އޭގެ ފަހުން ދެން ގައުމީ ލެވެލްގައި މުބާރާތްތައް ބޭއްވުމަކީ އަމާޒެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އޭގެ މެކޭނިޒަމް ނުވަތަ ކުރައްވާ މަސައްކަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މޮޅު އެތުލީޓަކަށް، ރާއްޖެ ތަމްޞީލުކުރުމަށް ނުވަތަ ގައުމީ ޓީމަށް ދެވޭނެ ވިއުގައެއް އުފެއްދެވުން ކަމަށް ވެސް ރާފިޢު ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި ހުރި މޮޅު، ޓެލެންޓް ކުދިން އައިޑެންޓިފައިވާނެ، މުބާރާތްތައް ކުޅުނީމަ. އަދި އެ ކުދިން ދެނެގަންނާނެ ގޮތް ހައި-ޕާފޯމަންސް ސެންޓަރު މެދުވެރިކޮށް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.