ENGLISH
25 ޖެނުއަރީ 2026
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ފާއިތުވި ހަފްތާގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި
25 ޖެނުއަރީ 2026
|
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނަކާއި ފުލެޓަށް އެދި ހުށަހެޅި 1،160 އެޕްލިކޭޝަންކަމަށެވެ. އަދި 7،605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗާއި 7900 ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. އުސޫލުގައި ބުނަނީ ކެޓަގަރީ އެކަކުން މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ ދެއަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
އެގޮތުން ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ އުސޫލުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ވަނީ ހިމަނާފަ އެވެ. ދެން ހިމެނެނީ މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ މީހުންްނަށް 1,500 ގޯއްޗާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3,000 ގޯއްޗާއި މާލޭގެ ރަށްވެހިން 10,000 ގޯއްޗެކެވެ.
މާލޭރަށްވެހީންގެ ތެރެއިން އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7,000 ގޯތި އަދި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1,000 ގޯތި ހިމަނާފައިވެ އެވެ. ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2,000 ގޯތި ދޫކުރަން ވަނީ ހިމަނާފަ އެވެ.