ENGLISH

25 ޖެނުއަރީ 2026

Advertisement

މޭޔަރަކީ ވެރިކަންކުރާ ޕާޓީގެ ބޭފުޅަކަށް ވީމަ ލިބޭ ފަސޭހަތަކެއް ހުންނާނެ، އެބޭފުޅަކީ މޫސާ ޖަލީލް: ވަޒީރު ސަޢީދު

25 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

މާލޭ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، މޭޔަރުކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޭފުޅަކު ހުންނެވުމުން ލިބޭ ފަސޭހަތަކެއް ހުންނާނެ ކަމަށާއި، އެގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަކީ އެންމެ ޤާބިލް ބޭފުޅާ ކަމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ސަޢީދު މިފަދައިން ވިދާޅުވީ، އިއްޔެ ޕީއެންސީގެ ފަރާތުން ޕާޓީގެ މައި ޖަގަހައިގައި ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގައި "އެމްއެމް" ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މުޅި ރާއްޖެއަށް ވަށައިޖެހޭ ތަރައްޤީއެއް ގެންނެވުން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަދި އެހެނިހެން ދާއިރާތަކުން ވެސް ތަރައްޤީގެ ފޮނިމީރުކަން ރާއްޖެއަށް ގެނެސްދެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ފަސް އަހަރުގެ މެނިފެސްޓޯ ތަންފީޒުކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލުން ލިބޭ ގޮތަށް ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަންވެއްޖެނަމަ ވަރަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. 

މަޝްރޫޢުތަކުގެ ތެރެއިން ސަޢީދު މިސާލުނެންގެވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވުމެވެ. ވަޒީރު ވިދާޅުވީ، މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި ވެސް ޕީއެންސީގެ މޭޔަރަކުން އިންތިޚާބުކުރުން މުހިއްމު ކަމަށެވެ. 

"މިފަދަ ކަންކަމުގައި މޭޔަރަކީ ވެރިކަންކުރާ ޕާޓީގެ ބޭފުޅަކަށް ވީމަ ލިބޭ ފަސޭހަތަކެއް ހުންނާނެ. އަދި ވަކީން ޚާއްޞަކޮށް ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ކުރިމަތިލައްވާފައިވަނީ ވަރަށް ގާބިލު ބޭފުޅެއް. ވަރަށް ޖޯޝް ހުރި ޤައުމީ ލޯބި އެބޭފުޅެއްގެ ހިތުގައި ވަރަށް ބޮޑަށް އޮތް ބޭފުޅެއް. އެހެންވީމަ ދިވެހީންގެ ތަރައްޤީގެ އެޖެންޑާ ކުރިއަށްގެންދާއިރުގައި އަޅުގަނޑު ދަންނަވާނީ ވަރަށް އެކަށީގެންވާ ބޭފުޅެކޭ މިވަގުތު މޭޔަރަކަށް ކުރިމަތިލާފަ ހުންނެވީ" މޫސާ ޢަލީ ޖަލީލްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ވެސް މީގެކުރިން މާލޭގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، މިފަހަރު ވެސް އެ މަޤާމް ޕީއެންސީގެ ކެންޑިޑޭޓަށް ލިބިގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ދިވެހީންގެ ތަރައްޤީގެ އެޖެންޑާ ކުރިއަށްގެންދިއުމަށް މޫސާ ޢަލީ ޖަލީލަކީ އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު