ENGLISH
25 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރަށް ނުހިއްކުނު ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާ ނިމިއްޖެ
25 ޖެނުއަރީ 2026
|
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ. މިހާރު ވަނީ ބިން ހިއްކައި ނިންމާލާފައި. ފޮޓޯ: އެމްއޭސީއެލް
އެމްޑީޕީގެ ނިމުނު ވެރިކަމުގައި ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް މި ސަރުކާރުން ނިންމާލައިފިއެވެ.
ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމައި، ގޯތި ޙަވާލުކުރުމަށް ތައްޔާރުވެފައިވާކަން ހާމަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ ހަވީރު ބޭއްވި ޚާއްޞަ އިވެންޓުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
އެގޮތުން އެމްޑީޕީގެ ނިމުނު ވެރިކަމުގައި ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހުޅުމާލޭ ތިންވަނަ ފިޔަވަހިން ހިއްކަންޖެހޭ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަމަށާއި އަދި އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
""ގިރާވަރުފަޅު، ގުޅީފަޅުން ގޯތިދިނުން ނިމި ގޯތިތައް ހަވާލުކުރުން ދަނީ ކުރިއަށް. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެ ދެ ޑްރެޖަރު މިހާރު އެއޮތީ އެތާ ކައިރީގައި. އެހެންވީމަ، އަޅުގަނޑު ދެންނެވިގޮތަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށް. ވައުދާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް ވެސް ގާތްގަނޑަކަށް އެވަނީ ނިމިފައި"" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއު ހަލުއި ދުވެލީގައި ގައި ކުރިއަށް ދާކަމަށެވެ.
އަދި ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާއިރު މި އަހަރުގެ މާޗު ނުވަތަ އޭޕްރީލު މަހުގެ ތެރޭގައި ރަސްމާލެއިން ޕްލޭންކޮށްފައިވާ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި، ލިޔުން ހަވާލުކޮށް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދިނުމަށް އެމްޑީޕީގެ ނިމުނު ވެރިކަމުގައި އޮތީ ނިންމާފައެވެ. މި ގޯތިތަކުގެ ތެރެއިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އެކަނި ވެސް 698 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކާފައި އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ.
ޕީއެންސީގެ ޚާއްޞަ އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ
ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ. މި މަސައްކަތް މިދިޔަ ދެ މަހުގެ ތެރޭގައި އިތުރަށް ވަނީ ހަލުއިކޮށްފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރަށް ގުޅިފަޅާއި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމުން ގިރާވަރުފަޅުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.
ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތި ދޫކޮށްފައިވާ ތަންތަނުން އެ ރައްޔިތުންނަށް ހޯދައިދެއްވުމުގެ މަސައްކަތްކުރެއްވުމާއެކު، މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ރަސްމާލެ ތަރައްގީކުރައްވައި، ފުރަތަމަ މަރުހަލާގައި 15،000 ގޯތި ދޫކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.