ENGLISH
25 ޖެނުއަރީ 2026
ސުވާލެއް ވެސް ނޫން، މޫސާ ޢަލީ ޖަލީލަށް ވުރެ ފުރިހަމަ ކެންޑިޑޭޓެއް ނެތް: މެންބަރު އިބްރާހީމް
25 ޖެނުއަރީ 2026
|
ޕީއެންސީގެ ޚާއްޞަ ހަރަކާތުގައި މެންބަރު އިބްރާހީމް އިއްޔެ ވާހަކަދައްކަވަނީ.
މާލޭ ސިޓީގެ މޭޔަރުކަމަށް ރަނގަޅުވާނީ ކޮން ކެންޑިޑޭޓެއްތޯ ކަމަށްބުނެ ސުވާލު އުފެއްދުމުގެ ބޭނުމެއް ވެސް ނެތްކަމަށާއި، އެ މަޤާމަށް އެންމެ ޤާބިލް އަދި އެންމެ ފުރިހަމަ ބޭފުޅަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ކަމަށް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން އިއްޔެ ހަވީރު ޕާޓީގެ މައި ޖަގަހައިގައި ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގައި، "އެމްއެމް" ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މެންބަރު ވިދާޅުވީ، މޫސާ ޢަލީ ޖަލީލަށް ވުރެ އަޚްލާގު ރަނގަޅު، ކަންކަން މެނޭޖްކުރެއްވޭނެ އިތުރު ބޭފުޅެއް ކެންޑިޑޭޓުންގެ ތެރޭގައި ނެތް ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން ދެނީ މޫސާ އަލީ ޖަލީލަށްވުރެ ޑިސިޕްލިން ހުރި ކިޔަވައިގެން ހުރި ކަންކަން މެނޭޖްކުރަން އެނގޭނެ ބޭފުޅެއް މިވަގުތު މާލޭގެ މޭޔަރުކަމަށް ނުކުމެވަޑައިގެން ނެތޭ. އެހެންވީމަ މިއީ ވަރަށް ޔަގީން، އެނގޭ ސުވާލެއް މިއީ. މޫސާ އަލީ ޖަލީލްތޯ ހޮވާނީ ނޫންތޯ ހޮވާނީ. މިއީކީ ސުވާލެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކަންކަން ވާން." މެންބަރު އިބްރާހީމް ވިދާޅުވިއެވެ.
މޫސާ ޢަލީ ޖަލީލް މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުކުރަންޖެހޭ މުހިއްމު ސަބަބުތައް ވެސް މެންބަރު ކިޔައިދެއްވިއެވެ.
މެންބަރު ވިދާޅުވީ، އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށްޓަކައި، އަދި ޚާއްޞަކޮށް މާލޭ ދާއިރާގެ ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުމަށްޓަކައި ޕީއެންސީގެ މޭޔަރަކު މުހިއްމުވުން ކަމުގައި މެންބަރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މެންބަރު ނެންގެވީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 15،000 ބިމެވެ. މާލޭގެ ރައްޔިތުންގެ ޙައްޤުގައި އަބަދުވެސް ވަކާލާތުކުރައްވާ މެންބަރު ވިދާޅުވީ، އިދިކޮޅު ފިކުރެއްގެ މޭޔަރަކު އިންތިޚާބުވެއްޖެ ނަމަ ގޯތިތައް ނުދީ ރަޖިސްޓްރީތައް ހިފެހެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މެންބަރު ވިދާޅުވީ އެއީ ދިވެހި ރައްޔިތުން، އަދި ވަކީން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާނެގޮތެއް ނޫން ކަމަށެވެ.
މޫސާ ޢަލީ ޖަލީލް މޭޔަރުކަމަށް އިންތިޚާބުކުރުމުގެ އިތުރު ސަބަބެއްގެ ގޮތުގައި މެންބަރު އިބްރާހީމް ފާހަގަކުރެއްވީ ރަނގަޅު އަޚްލާގާ އެކު މާލެ ތަރުތީބުކުރުމެވެ. އެގޮތުން، މޫސާ ޢަލީ ޖަލީލަކީ އަޚްލާގު ހުރި މާލެ ތަރުތީބު ކުރެއްވޭނޭ ބޭފުޅެއްކަން މެންބަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މާލެއަކީ ވިޔަފާރީގެ މައި ހަބު ކަމަށާއި، އަދި ގިނަ ކަންކަން ތަންފީޒުކުރުމަށްޓަކައި މުހިއްމުވާ ތަނަކީ މާލެކަމަށް ވެފައި، އެކަންކަން ކުރެއްވޭނީ މޫސާ ޢަލީ ޖަލީލް ފަދަ އަޚްލާގުގެ ބޭފުޅަކަށްކަން މެންބަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ކަންކަން ތަންފީޒުކޮށް ފަސޭހަކުރުމަށްޓަކައި ހަގީގަތުގައި އަޅުގަނޑުމެންނަށް މި ބޭނުންވަނީ ޑިސިޕްލިން ހުރި، ކިޔަވައިގެން ހުރި، ކަމަށް ޤާބިލު ކެރޭ ބޭފުޅަކު. އަޅުގަނޑުމެންގެ މި މޭޔަރަކީ މި ދިވެހިރާއްޖެއަށް މި މާލެއަށް އައި އެންމެ އަނދިރި ވަގުތުގައި މޭ އައްޑަނަކައަށް ދިއްކޮށްގެން ފުރާނަ އަތްމައްޗަށް ލައިގެން ނުކުންނެވި ބޭފުޅެއް. އޭރުގަ އެކަން ކޮށްދެއްވާފަ އޮތީކީ ކޮންމެހެން މިއަދު މޭޔަރުކަން ބޭނުންވެގެންނެއް ނޫން" މެންބަރު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިކޮށް އުޅުއްވާ މެންބަރު އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިބީ ޗުއްޓީ ދުވަހެއް ނުނަގައި ވެސް ކަންކަން ތަންފީޒުކުރުމަށްޓަކައި ތައްޔާރަށް ކަމަށެވެ. ޚާއްޞަކޮށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ތަންފީޒުކުރެވޭނީ އިޚްލާސްތެރިކަމާއެކު ނުކުންނަ ބަޔަކަށް ކަމަށާއި، އެކަން ކުރެވޭނީ ދިވެހީންގެ ރާއްޖޭގެ ޕީއެންސީގެ ކައުންސިލަރުންނަށްކަމަށް މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.