ENGLISH
24 ޖެނުއަރީ 2026
ދެކުނު އޭޝިއާގެ ފުޓްސަލްގެ ރަސްކަން ރާއްޖެ އަށް
24 ޖެނުއަރީ 2026
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ސާފް
ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުގައި ފަހަތުންއަރައި 3-1 އިން ބޫޓާން ބަލިކޮށް ރާއްޖޭން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ލީގު ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވަ އެވެ. ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އެއަށްފަހު، އިންޑިއާ 5-0 އިން ބަލިކުރިއިރު، ނޭޕާލް އަތުން މޮޅުވީ 2-1 އިންނެވެ. އެއަށްފަހު، މިއަދުގެ މެޗުގައި ބޫޓާންގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ.
މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި ރާއްޖެ އުޅެނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ޕާކިސްތާނަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިންވަނައިގައި ނޭޕާލް އުޅެނީ ފަސް މެޗުން 8 ޕޮއިންޓް ހަމަކޮށްގެންނެވެ. ބަންގްލަދޭޝް ހަތަރުވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓާއެކު އެވެ.
ބެންކޮކްގެ ނޮންތަބުރީގައި އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ރާއްޖޭން ކުރަމުންދިޔަ އެޓޭކުތައް ހުއްޓުވުމުގައި ބޫޓާނުން ކާމިޔާބުކުރަމުންދިޔައިރު، ކުރީން ލީޑުނެގީ ވެސް އެ ޓީމުންނެވެ
ބޫޓާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ސާފް
މެޗުގެ 12 ވަނަ މިނެޓުގައި ބޫޓާނަށް މި ލަނޑުޖަހައިދިނީ ޖިގްމޭ ޝުލްޓްރިމް އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިން އެޓޭކެއްގައި ކުރިއަށްއަރައި ތިއްބާ ލިބުނު ފުރުޞަތެއްގައި ބޫޓާނުން ކައުންޓާގައި ޖެހި ގޯލެކެވެ. މި ލަނޑުޖެހިއިރު ރާއްޖޭގެ ކުޅުންތެރިއެއް ކަމަށްވާ، އަހުމަދު ހަމީދު (އައްމަޑޭ) އޮތީ އަނިޔާވެގެން ދަނޑުބޭރުގައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ރާއްޖެ އަށް އެއްވަރުކޮށްދިނީ ޢަބްދުﷲ ޖުނައިދު (ޖޭންނެ) އެވެ. މިއީ އޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޖޭންނެ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ރާއްޖެ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ އޭރިޔާބޭރުން ފޮނުވާލި ހިލޭޖެހުމެއްގެ އެހީގައި އަހުމަދު ހަމީދު (އައްމަޑޭ) އެވެ.
ބޫޓާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ސާފް
މެޗުގެ 35 ވަނަ މިނެޓުގައި ރާއްޖެ އަށް މޮޅު ކަށަވަރުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފަސް މެޗުގައި އޭނާ ޖެހި އަށްވަނަ ލަނޑެވެ.
މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގައި ރާއްޖޭން ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވާ ހޯމަ ދުވަހު ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.