ENGLISH

23 ޖެނުއަރީ 2026

Advertisement

ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ: ހުކުރު ޚުޠުބާ

23 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ވޭތުވެދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"شَعْبَان މަހު ކުރެވޭ ހެޔޮ ޢަމަލު" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، އަހަރެމެން ވޭތުކުރަމުން މިދާ ޝަޢުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެެއް ކަމަށާއި، މިއީ ރަމަޟާން މަހަށް މަރުޙަބާކިޔާން ތައްޔާރުވަމުން އަންނަ މަހެއް ކަމަށެވެ.

ޚުޠުބާގައި ވަނީ، މި މަހު، ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވުމަށާއި، މި މަހު، އެންމެންވެސް ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވުމަށް ބުނެފައެވެ. މި މަހަކީ ގިނަގުނަ ޘަވާބާއި މަތިވެރި ދަރުމަލިބުމުގެ އިތުރަށް ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަހިފާން ތަމްރީނުވާ މަސްކަމުގައި ދަތުމަށްވެސް ޚުޠުބާގައި ބުންޏެވެ.

"މާތް ނަބިއްޔާ صلى الله عليه وسلم ، ޝަޢުބާން މަހު، ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވިއެވެ. ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތަކެވެ. ނަމަވެސް ހެޔޮ ޢަމަލުކުރުމުގައި، ކީރިތި ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވައިފައިވާ މިންގަނޑެއް ވެއެވެ. އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުމެވެ. ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށައެވެ. ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މުސްލިމެއްގެ ޙަޔާތުގައި ކުރާ ހުރިހައި ޢަމަލުތަކެއް ވެސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ އެއް ގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީ ވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިޤުތިދާވުމަކީ މުސްލިމުން އިސްކަންދޭންޖެހޭނޭ ކަމެއް ކަމަށާއި، އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރާށެވެ! ހާރުކެއުމާއި، ރޯދަވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ދަސްކުރާށެވެ! ރޯދަ ގެއްލޭ ގޮތްތަކާއި، ގެއްލޭ ރޯދަ ޤަޟާކުރުމުގެ ޙުކުމްތަކާއި، ފިދުޔަދޭން ޖެހޭ ޙާލަތްތަކާއި އޭގެ މިންވަރުތައް ދަސްކުރާށެވެ! ބަލިމީހުންނާއި ޢުޛުރުވެރީން، ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކާއި އެ ނޫން ޙާލަތްތައް ދެނެގަންނާށެވެ! އަދި ތިޔަބައިމީހުންގެ އަނބިދަރީންނަށް އެ ޙުކުމްތައް ދަސްކޮށްދޭށެވެ! ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށޭން އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވީމާ ރޯދަހިފުމެއް ނެތެވެ. ނަމަވެސް އާދަވެ ސުންނަތް ރޯދަ ހިފަމުން އަންނަ މީހަކު، ނުވަތަ ވާޖިބު ރޯދައެއްހިފާންޖެހިފައިވާ މީހަކު އެ ދުވަސްތަކުގައި ރޯދައަށް ހުރުމަކީ، ހުއްދަކަމެކެވެ." ޚުޠުބާގައި ބުންޏެވެ.

ޝަޢުބާންމަހަކީ ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސްކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވެފައިވާއިރު، އޭގެ ކުރީން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލްއަޤްޞާ ކަމަށާއި، އަލްމަސްޖިދުލްޙަރާމަށް ޤިބުލަ ބަދަލުވުމަކީ، ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ވަރަށް ބޮޑު އުންމީދުފުޅެއްކަން ވަޙީބަސްފުޅުން އެނގިގެންދާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"ވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަންނާށެވެ! ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލާށެވެ! ރަމަޟާންމަހަކީ، އިސްރާފުކުރުން ގިނަ މަހަކަށް ނުހަދާށެވެ! ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހަދާށެވެ! ރޯދަމަހު ޞަދަޤާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަންނާށެވެ! ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެންނެވެ. ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަން ދަންނާށެވެ!" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ރަމަޟާންމަހަކީ، ކީރިތި ޤުރުއާނުގެ މައްސަރު ކަމަށްވީހިނދު، އެ މަހަކީ ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ މަހަކަށް ހެދުމަށާއި، ތިބާގެ ހުރިހައި ޢަމަލުތަކެއް ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތާ އެއް ގޮތަށް ބައްޓަންކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި، ރޯދަމަހަކީ ގިނަގުނަ ދީނީ ދަރުސްތައް ދެވޭ މަހަކަށްވުމުން، އެ ދަރުސްތަކަށް ވަގުތު ހުސްކުރުމަށާއި، އެ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވައި، އިންސާނުންނަކީ އަބަދާއިއަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެއްކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު