ENGLISH

14 މޭ 2026

Advertisement

ގަދަނުވާ ވަރަށް ބަލިވުމުން ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ އިސްލާހު ފާސްކޮށްފި

14 މޭ 2026

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: މަޖިލިސް

ބަލިހާލަތު ހުރިގޮތުން ފުރާނައަށް ނުރައްކާވެފައިވާ މީހުންނަށް، އެމީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި މި ބިލް ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ.

އާންމު ގޮތެއްގައި ރިޓަޔާމެންޓް ޕެންޝަން ފައިސާ ލިބެނީ އުމުރުން 65 އަހަރުވުމުން ކަމަށްވީ ނަމަވެސް، އާ އިސްލާހާއެކު "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ނަމަވެސް އެއް އަހަރަށްވުރެ ގިނަ ދުވަހު ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކުގައި ފައިސާ ދޫކުރެވޭނެއެވެ.

މިފަދަ ހާލަތްތަކުގައި, އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެއްފަހަރާ ނެގެނޭ ކަމަށް ވަނީ ފާސްކޮށްފަ އެވެ. ނުވަތަ ބޭނުންވާ ވަކި މިންވަރެއް އެކި ފަހަރު މަތިން ނެގުމުގެ އިޚުތިޔާރު ވެސް ލިބިދީފައިވެއެވެ. 

މި ބިލުގައި ގެނެސްފައިވާ އަނެއް މުހިންމު ބަދަލަކީ ޕެންޝަން ފައިސާ ކޮލެޓްރަލައިޒް (ރަހުނު) ކޮށްގެން ކުރެވޭނެ ކަންކަން ފުޅާކުރުމެވެ. މީގެ ކުރިން ހަމައެކަނި ފްލެޓް ގަތުމަށް މި ފައިސާ ބޭނުންކުރެވުނު ނަމަވެސް، މި ފައިސާ ބޭނުންކުރެވޭނެ އިތުރު ގޮތްތަކެއް ވަނީ ހިމަނައިފައެވެ.

ފާސްކުރި އިސްލާހާއެކު އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމާއި، ދިރިއުޅޭ ގެދޮރު މަރާމާތުކުރުމާއި، މިފަދަ ބޭނުންތަކަށް ނަގާ ލޯނުތަކުގެ ޑައުންޕޭމަންޓް ދެއްކޭނެ އެވެ.

މި އިސްލާހުތަކަކީ ޕެންޝަން ފަންޑުގެ ބޭނުން އާންމު ރައްޔިތުންނަށް އެންމެ ބޭނުންޖެހޭ ވަގުތު ހިފޭނެ ގޮތް ހެދުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށް ބިލަށް ތާއީދުކުރެއްވި މެންބަރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު