ENGLISH

14 މޭ 2026

Advertisement

މިހާތަނަށް ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރަނި އަދާކޮށް މާލީ ޙާލަތު ރަނގަޅުވުން: މުންދު

14 މޭ 2026

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވާހަކަދައްކަވަނީ. ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރަނި އަދާކޮށް މާލީ ޙާލަތު ރަނގަޅުކުރެވުން ކަމަށް ވިދާޅުވި. ފޮޓޯ: ރައީސް އޮފީސް

އަންނަ އާދީއްތަ ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރާއި ބައި ވާއިރު، ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރަނި ދައްކައި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުވުން ކަމަށް ސަރުކާރުގެ އިސްތަަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

މުންދު މިފަދައިން ވިދާޅުވީ، ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ. 

މިދިޔަ ސަރުކާރުތަކުގެ ލޯނުތައް ދެއްކުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޭ މަހުގެ 11 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކަންޖެހޭ މުއްދަތު 2026 މެއި 11 އަށް ހަމަވާތީ، އެ ފައިސާ ދައްކަވާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެކުރިން މި ސަރުކާރުން ވަނީ، ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ވެސް ދައްކައިފަ އެވެ. 

މުންދު ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ވާރުތަވި ދަރަނިތައް އަދާކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ވެސް ކުރަމުން، ރާއްޖޭގެ ދަރަނި އިތުރަށް ނުއުފުލޭ މިންވަރަކަށް އަދި މުސްތަގްބަލަށް ބުރަ ނުވާނެ ގޮތަކަށް ކަންކަން ހަމެޖެހިގެން ދިއުމަކީ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ. 

"އެންމެ ބޮޑު ކާމިޔާބީއެއްކަމަށް އަޅުގަނޑުމެން މިހާހިސާބަށް އައިއިރު މި ދެކެނީ ހާއްސަކޮށް ޖުމްލަގޮތެއްގައި އިޤްތިޞާދު. އެހެންނަމަވެސް އަޅުގަނޑުމެންގެ މާލީ ޙާލަތު ޤައުމުގެ ތަރައްޤީއަށް ބަލާފައި އެއީ ބަޖެޓް ކަމަށްވިޔަސް، ފޮރިން ކަރަންސީ ކަމަށްވިޔަސް، އަޅުގަނޑުމެންގެ ދަރަނި ކަމުގައި ވިޔަސް، ޕީއެސްއައިޕީއަށް އެކަށައަޅާ މިންވަރު ކަމުގައި ވިޔަސް އެއީ އެންމެ ބޮޑު ކާމިޔާބީއަކީ" މުންދު ވިދާޅުވިއެވެ. 

ދަރަނި އަދާކުރުމާއި މާލީ ޙާލަތު ރަނގަޅުކުރަނީ ބައިވަރު ދާއިރާތައް ހިމެނޭހެން ކަމަށާއި، އޭގެތެރެއިން ޚާރިޖީ ގޮތުން ކުރެވުނު މަސައްކަތް މުންދު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން، ދަރަނި އަދާކުރުމުގައި ވެސް ޤައުމުތަކުގެ އެއްބާރުލުން ލިބުމާއި، ރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުކޮށް ރާއްޖެއާ މެދު ދެކޭގޮތް ބަދަލުކުރުމަށް ފުރުސަތަކަށް ވެގެންދިޔަކަން ފާހަގަކުރެއްވިއެވެ. އަދި، މާދަމާ ވެސް ރާއްޖޭގެ ރޭޓިން ރަނގަޅުވާނެކަމުގެ ޔަގީންކަން އޮތުމަކީ މިދިޔަ މުއްދަތުގައި މާލީގޮތުން ރާއްޖެ ހޯދި ކުރިއެރުމެއްކަން ތަކުރާރުކޮށް މުންދު ފާހަގަކުރެއްވިއެވެ. 

މި ދައުރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނީ ވައުދުތައް ފުއްދުމަށް ކަމަށް މުންދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކީ އެ ވައުދުތައް ފުއްދުމަށްޓަކައި ދުވެލި ހަލުވިކުރުމާއި، ނުވަތަ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލެއް ވިޔަސް ގެނައުމާއި، ސިޔާސަތު ބަދަލުކުރަން ޖެހުނަސް އެމަސައްކަތް ކޮށްގެން ތަރައްޤީ ގެންނެވުން ކަމަށް މުންދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު