ENGLISH
14 މޭ 2026
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށް މަޖިލީހުން ފާސްކޮށްފި
14 މޭ 2026
|
މަޖްލީހުގެ ޖަލްސާ ކުރިއަށްދަނީ-- ފޮޓޯ: މަޖްލިސް އިދާރާ
އެންމެ މަޤްބޫލު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ ހުށަހެޅުއްވި މި ބިލު ފާސްވީ މަޖިލީހުގެ 59 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި ގެނެވުނު އިސްލާހާއެކު، އެލްޖީއޭގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް، އެތަނުގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ވަނީ ކަނޑއަޅާފަ އެވެ.
މި އިސްލާހާއެކު އެލްޖީއޭގެ ބޯޑަށް މުވައްޒަފުން އައްޔަންކުރުމާއި، ވަކި ކުރުމުގެ ބާރު ލިބޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ނަމަވެސް، މުވައްޒަފުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އޮތޯރިޓީގެ ލަފާ ހޯދަންޖެހޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެން ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
ޤާނޫނަށް މިއަދު މި ގެނެވުނު އިސްލާހާއެކު، ކައުންސިލްތަކުގެ މަސްއޫލިއްޔަތަށް ވެސް މުހިއްމު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން، ރަށްރަށާއި ސިޓީތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތެއްގެ ގޮތުގައި މިހާރު ވަނީ ލާޒިމުކޮށްފަ އެވެ.
ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ފައިސާއާ ގުޅޭގޮތުން ވެސް ވަނީ އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު ނުދައްކާ ހުރިނަމަ، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ނުވަތަ އާމްދަނީން އެ ފައިސާ އުނިކުރުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވާ ގޮތަށް އިސްލާހުކޮށްފައިވެ އެވެ.
މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ އެލްޖީއޭގެ ހިންގުން ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއަށް ފެއްތުމާއި، ކައުންސިލްތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މާލީ ގޮތުންނާއި އިދާރީ ގޮތުން ކައުންސިލްތައް އިތުރަށް ޒިންމާދާރުކުރުވުން ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.