ENGLISH

23 ޖެނުއަރީ 2026

Advertisement

އެމްޑީޕީގެ ތުހުމަތުތަކަށް އީސީގެ ރައްދު: އެއްވެސް ޕާޓީއަކަށް ޕޯޓަލްއަށް ނުވަދެވޭނެ

22 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ކޮމިޝަނުގެ އިސް ވެރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލަށް ވަދެ، މައުލޫމާތުތައް ބެލުމުގެ ބާރު ވެރިކަން ކުރާ ޕީއެންސީއަށް އޮތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރި  ތުހުމަތުތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވަނީ އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ޕީއެންސީއަށް ލިބޭކަމަށް ތުހުމަތު ކުރައްވާފައެވެ. 

މި ތުހުމަތުތައް ދޮގުކުރައްވައި ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދު "އެމްއެމްޓީވީ"އަށް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކަށް ކޮމިޝަނުގެ ޕޯޓަލުން އެކްސެސް ދީފައިނުވާކަމަށާއި، ޕާޓީތަކާ ގުޅުންހުރި ކަންކަމުގައި ސިޔާސީ ޕާޓީތަކަަށް ވެދެވޭނީ 'ސިމެދަ' ޕޯޓަލުން އެކަނިކަމަށެވެ.

ކޮމިޝަނުން ބޭނުންކުރާ 'މައި ޕޯޓަލް' މެދުވެރިކޮށް ކެންޑިޑޭޓުންގެ މައުލޫމާތު ބެލުމުގެ ފުރުސަތު އެއްވެސް ސިޔާސީ ޕާޓީއަކަށް ދީފައި ނުވާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޕޯޓަލަށް ވަދެވޭނީ ހަމައެކަނި އިންތިހާބީ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ މުވައްޒަފުންނަށްކަމަށާއި ކޮމިޝަނުގެ ޕޯޓަލަށް އެކްސެސްވުމުގެ ފުރުސަތު ކޮމިޝަނުގެ މެމްބަރުންނަށް ވެސް ނޯންނާނެކަމަސް ސަލާހު ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަަށް އެ ފުރުސަތު ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު