ENGLISH
14 މޭ 2026
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާ ގުޅޭ ބައެއް މުހިއްމު މައުލޫމާތުތައް އާއްމުކޮށްފި
14 މޭ 2026
|
ވިނަރެސް ފްލެޓްތައް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދިރިއުޅޭނެ ތަނެއް ނެތުމެވެ. ނުވަތަ ބޯހިޔާވަހިކަމެއް ނެތުމެވެ. މިކަމަށް ހައްލެއް ހޯއްދަވާ ދެއްވުމަށްޓަކައި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.
ސަރުކާރުން ހުޅުވާލާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" މި ސްކީމްގެ ދަށުން، ރައްޔިރުންނަށް އެނގެންޖެހޭ ނުވަތަ ސަމާލުކަން ދޭންވީ ގިނަ ކަންތައްތަކާ ގުޅޭ މައުލޫމާތޫ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގެ އިތުރުން އެކި އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ.
ސަރުކާރުން ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ދެ ޕްރޮގްރާމަކަށް ފޯމް ހުށަހެޅުމަށް އިއުލާންކޮށްފައިވެ އެވެ. އެއީ އާއިލާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް އާއި ގޯތި ގެދޮރުގެ ޕްރޮގްރާމެވެ.
މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ގްރޭޓަރ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމުގެ ސްކީމްގެ ދަށުން ޚާއްސަ 15 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މީގެ ތެރެއިން ދެ ކެޓަގަރީއަށް ވަކިން ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.
ވަކިން ފޯމް ހުށަހެޅޭ ޚާއްސަ ކެޓަގަރީތަކަކީ، ޚާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ، ވެށިފަހި ނުވަތަ ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ މީހުންގެ ހާއްސަ ކެޓަގަރީ އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ގޯތިދިނުމުގެ ސްކީމަށް ހުށަހަޅާއިރު ޝަރުތު ފުރިހަމަވާ ފަރާތްތަކުން ހާއްސަ ދެ ކެޓަގަރީއަކަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.
ގޯތި ގެދޮރުގެ ޕްރޮގްރާމްގެ ދަށުން ހުޅުވާލެވިފައިވާ ސްކީމްތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުނަނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ސްކީމް އެވެ. މި ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ. މީގެ އިތުރުން ބިންވެރިޔާ ޚާއްސަ ސްކީމްގެ ކެޓަގަރީ އެކެއް، ދޭއް އަދި ތިނަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްއަށް އެދި ހުށަހެޅޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.