ENGLISH
22 ޖެނުއަރީ 2026
އަމީންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
22 ޖެނުއަރީ 2026
|
އެމްޕިއެލްގެ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި އަމީން.
މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ހިނގި ހާދިސާއެއްގައި މިއަދު ނިޔާވި އެމްޕީއެލްގެ މުވައްޒަފު އަމީން ޢަބްދުލްޚަމީދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަމީންގެ އާއިލާއަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް އަމީން ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މަރްޙޫމް އަމީން ޢަބްދުލްޙަމީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ބުނީ ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. އަދި މި ހާދިސާ ހިނގުމާއެކު، ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަރޖެންސީ ރެސްޕޮންސް ޓީމުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާކަމަށާއި އަމީން ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެމްޕީއެލްއިން ހާދިސާއާ ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.
ކުންފުނިން ބުނީ އުމުރުން 30 އަހަރުގެ އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައިކަމަށެވެ. އެމްޕީއެލްގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރުއެވެ.