ENGLISH
22 ޖެނުއަރީ 2026
އިންތިޒާމުތައް ފުރިހަމަވާނެ، ހުރިހާ ގޭބީސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: ވަޒީރު
22 ޖެނުއަރީ 2026
|
ވަޒީރު އާދަމް ޝަރީފް
ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމުތައް މި އަހަރު ފުރިހަމަވާނެކަމަށާއި ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަގީންކަން ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.
ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފަހު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާ ބެހެމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ފެށޭނެ ކަމަށެވެ.
ގްރޭޓަރ މާލޭގެ 15 ތަނަ ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެކަން ހާމަކުރައްވައި ވަޒީރު ވަނީ ކިއުގައި ނުޖެހި، ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު މިފަހަރު ހަމަޖައްސާފައި ވާކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118،673 މަސްދަޅު ކޭސް މިހާރު ތައްޔާރު ކުރެވިފައިވާއިރު ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
މަސްދަޅު ކޭސް ދޫކުރުމުގައި މާލެ ފިޔަވައި ރަށްރަށާއި، ސިޓީތަކުގައި ގޭބިސީގޮތުގައި ބަލަނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއަކަށެވެ. މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގޮތުގައި ބަލާފައިވެއެވެ.
ވުޒާރާއިން ބުނީ ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 ކަމަށެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމުކުރެވިގެންދާއިރު އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
ޕޯޓަލް މެދުވެރިކޮށް މިހާރު ނަންބަރު ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އަންނަ ފެބުރުވަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.