ENGLISH
17 ޖެނުއަރީ 2026
ކެނަޑާގެ ވިޔަފާރި ސިޔާސަތު އެމެރިކާއާ ދުރަށް؛ ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުގެ ޓެރިފް ކުޑަކޮށްފި
17 ޖެނުއަރީ 2026
|
ކެނަޑާގެ ބޮޑުވަޒީރާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން
ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމުގައިވާ އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، އެމެރިކާގެ އެންމެ ގާތް އަވައްޓެރިޔާ ކެނަޑާއިން އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތަކާ ދުރަށްގޮސް ޗައިނާގެ އިލެކްޓްރިކް އުޅަނދުފަހަރުން ނަގާ ޓެރިފު ކުޑަކުރަން ނިންމައިފިއެވެ.
ޗައިނާގެ އިލެކްޓްރިކް ކާރުތަކުން ކެނަޑާއިން ނަގާ ޑިއުޓީ ކުޑަކުރުމުގެ ބަދަލެއްގެ ގޮތުން ޗައިނާއިންވަނީ ކެނަޑާއިން އެ ގައުމަށް އެތެރެކުރާ ކެނޯލާ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނިންމާފައެވެ. ދެ ގައުމުގެ މެދުގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވުނީ ކެނަޑާގެ ބޮޑުވަޒީރު މާކް ކާނޭ ބެއިޖިންއަށް ކުރެއްވި ދަތުރުފުޅެއްގަައެވެ.
އެ ދަތުރުފުޅުގައި ކާނޭވަނީ ޗައިނާގައި އުފައްދާފައިވާ 49،000 އަށްވުރެ ގިނަ އިލެކްޓްރިކް އުޅަނދު ހާއްސަ ޓެރިފު ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ 6.1 އިންސައްތައިގެ ޓެރިފުގައި ކެނަޑާގެ ބާޒާރަށް އެތެރެކުރުމަށް ހުއްދަދެއްވާނެކަން އިއުލާނުކުރައްވާފައެވެ. މިއީ އެމެރިކާއިން އެދިގެން 2024 ވަނަ އަހަރުން ފެށިގެން ޗައިނާގެ އިލެކްޓްރިކް އުޅަަނދުފަހަރުން ކެނަޑާއިން ނަގަމުންދާ 100 އިންސައްތައިގެ ޓެރިފާ އަޅާބަލާއިރު ވަރަށް ކުޑަ ޓެރިފެކެވެ.
ކުރިން ހީނަރުވެފައި އޮތް ކެނަޑާ-ޗައިނާ ގުޅުމާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއެކު ކާނޭވަނީ މަޝްވަރާކުރައްވާފައެވެ. ދެ ގައުމުގެ މެދުގައި އިސްތިރާޖީ ގުޅުމެއް ގާއިމުކުރުމަށް ދެ ބޭފުޅުންވަނީ މި ބައްދަލުވުުމުަގއި މަޝްވަރާކުރައްވާފައވެެ.
ކެނަޑާއާއި ޗައިނާގެ މެދުގައި ގާއިމުކުރެވުނު ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވީ ކެނަޑާއަށް ފަހިވާ ގޮތަށް ޗައިނާއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރެއްވޭނެ ގޮތެއް ފެނިވަޑައިގެންފިނަމަ އެކަން ކާނޭ ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. "ޗައިނާއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރެއްވޭނަމަ، އޭނާ (ކާނޭ) އެކަން ކުރައްވަންވީ،" ޓުރަމްޕު ވިދާޅުވިއެވެ.
ޗައިނާއާއެކު ކެނަޑާއިން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވާއިރު، ޒަމާނުއްސުރެ އެމެރިކާގެ އެންމެ ގާތް އެއް ގައުމުގެ ގޮތުގައި ބެލެވުނު ކެނަޑާގެ ބައެއް އުފެއްދުންތަކުން ނަގާ ޓެރިފު ބޮޑުކުރައްވަން ޓުރަމްޕު ނިންމެވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ގުޅުން ހީނަރުވުމުގެ ގޮތުން އަވައްޓެރި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތަކާމެދު ފެށިފައި އޮތް މަޝްވަަރާތައްވަނީ ހުއްޓިފައެވެ. އަދި ކާނޭ ސިފަކުރެއްވި ގޮތުގައި ޗައިނާއަކީ ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތް ސާފު އެމެރިކާއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ ބައިވެރިއަކަށްވަނީ ވެފައެވެ.