ENGLISH

11 މާރިޗު 2026

Advertisement

މި އީދުވެސް މާލޭ ސަރަހައްދުގައި އީދު ހަވީރު؛ ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފާއިތުވި އަހަރުގެ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި މާލޭ ސަރަހައްދުގެ ކުޑަކުދިންނާއެކު ރައީސްގެ ދެމަރިކަނބަަލުން ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ފިޠުރު އީދު ފާހަގަަކުރުމުގެ ގޮތުން ތިން ދުވަހަށް މާލޭގައި ފޯރިގަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަން ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލެއާއި ރަށްރަަށުގައި އީދުތައް ފާހަގަކުރުމުގައި މުހިއްމު ގިނަ ހަރަކާތްތަކެއް ސަރުކާރުން އިސްނަގައިގެން އަންނަނީ ހިންގަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި އީދު ހަވީރު ބާއްވައި ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭނެ އެކި ހަރަކާތްތައް ކުރިއަށްގެންދެއެވެ. 

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގައުމީ ދިފާއީ ބާރުން އިސްނަގައިގެން އީދު ހަވީރުގެ ނަމުގައި އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެ ހަރަކާތް ފެށޭނީ އީދު ދުވަހުގެ ހަވީރު 16:00 ގައެވެ. 

ގައުމީ ދިފާއީ ބާރުން ބުނެފައިވާ ގޮތުން މި ހަރަކާތް ކުރިއަށްގެންދާނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ. 

ގައުމީ ދިފާއީ ބާރުން މައުލޫމާތު ދިން ގޮތުގައި މާލެގައި އީދު ހަވީރު އޮންނާނީ އިސްލާމީ މަރުކަޒު ކުރިމަތީ އޮންނަ ހުސް ސަރަހައްދާއި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނާއި، ރަަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގައެވެ. ހުޅުމާލޭގައި އެ ހަރަކާތް ކުރިއަށްގެންދާނީ ސެންޓްރަލް ޕާކާއި ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައެވެ. ވިލިމާލޭގައި ފުޓުބޯޅަ ދަނޑުގައެވެ. 

ސަރުކާރުން އަންނަނީ އީދުގެ ކުރިއަށް ސަލްޓަން ޕާކުގެ މަރާމާތާއި އާބާތުރަފިލުވުމުގެ މަސައްކަތްތައް ނިންމައި، އީދު ދުވަހުގެ ހަރަކާތްތަކަށް ޕާކު ހުޅުވުމަށް ތައްޔާރުވަމުންނެވެ. 

ގައުމީ ދިފާއީ ބާރުން އިންތިޒާމުކުރާ މި ހަަރަކާތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް ބައިވެރިވާނެއެވެ. އެގޮތުން ދައުލަތުގެ ދިހަ ކުންފުންޏަކުން ތަފާތު އެކި ސްޓޯލުތައް ތައްޔާރުކޮށް މި ހަރަކާތް ކުރިއަށްދާ ސަރަހައްދުގައި ސްޓޯލުތައް ބަހައްޓާނެއެވެ. 

ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ފަދަ ކުންފުނިތައް މި ހަަރަކާތުގައި ބައިވެރިވެ ސްޓޯލުތައް ބަހައްޓާނެއެވެ. 

ކުންފުނިތަކުން ބަހައްޓާ ސްޓޯލުތަކުގެ އިތުރަށް ފުލުހުންނާއި ސިފައިންގެ ޔުނީފޯމުތަކާއި ހަަތިޔާރާއި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދައްކައިލުމާއި އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު