ENGLISH
16 ޖެނުއަރީ 2026
ފަޅު ތެރެއިން ދޫކުރި ގޯތިތައް ހަގީގަތަކަށް؛ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ %94 ނިމިއްޖެ
16 ޖެނުއަރީ 2026
|
ހުޅުމާލޭ ތިންވަނަ ފިޔަވައްސަށް ހިއްކަމުންދާ ސަރަހައްދު، ފޮޓޯ: އެމްއޭސީއެލް
އެމްޑީޕީގެ ނިމުނު ވެރިކަމުގައި ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏަކުން ކުރަމުންދާ މަސައްކަތުގެ އަދާހަމަ މައުލޫމާތު އެމްއޭސީއެލްއިންވަނީ ހާމަކޮށްފައެވެ. ހުޅުމާލޭ ތިންވަނަ ފިޔަވައްސަށް ހިއްކަނީ 63 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލްއިން އެންމެ ފަހުން ހާމަކުރި ގޮތުގައި 59 ހެކްޓަރު ހިއްކައި ނިމިއްޖެއެވެ. އެއީ ހިއްކަންޖެހޭ ސަރަހައްދުގެ 94 އިންސައްތައެވެ.
މި ބިން ހިއްކުމުގެ މަސައްކަތްކުރަމުންދަނީ 22،000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އާއި އޮރެންޖް ބޭނުންކޮށްގެންނެވެ. ދެ ޑްރެޖަރު ގެނައުމާއެކު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލިވަނީ ވަރަށް ބޮޑަށް ހަލުއިވެފައެވެ.
އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލޭ ފަޅުން ގޯތި ދޫކުރި ނަމަވެސް އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނުވެސް ފަށައެވެ. އެ މަސައްކަތް ފެށިގެންދިޔައީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ފަޅުތަކުން ދޫކޮށްފައިވާ ގޯތި އެ ރައްޔިތުންނަށް ދިނުމަށް ބިން ހިއްކެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިންނެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރަށް ގުޅިފަޅާއި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމުން ގިރާވަރުފަޅުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.
ރައީސުލްްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތި ދޫކޮށްފައިވާ ތަންތަނުން އެ ރައްޔިތުންނަށް ހޯދައިދެއްވުމުގެ މަސައްކަތްކުރެއްވުމާއެކު، މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ރަސްމާލެ ތަރައްގީކުރައްވައި، ފުރަތަމަ މަރުހަލާގައި 15،000 ގޯތި ދޫކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.