ENGLISH
16 ޖެނުއަރީ 2026
ކުޅިވަރުގެ ދާއިރާގައި ޑޯޕިން ހުއްޓުވުމަށް "މޯލްޑިވްސް ނޭޝަނަަލް އެންޓި ޑޯޕިން އެޖެންސީ" ރައީސް އުފައްދަވައިފި
16 ޖެނުއަރީ 2026
|
ރައީސް ޑރ.މުޢިއްޒާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ކުޅިވަރުގެ ދާއިރާގައި "ޑޯޕިން" ނުވަތަ ކުޅުންތެރިންގެ ގާބިލުކަން އިތުރުކޮށްދޭ ބޭސްތައް ބޭނުންކުރުން ހުއްޓުވުމަށް ހާއްސަކޮށްގެން "މޯލްޑިވްސް ނޭޝަަނަލް އެންޓި ޑޯޕިން އެޖެންސީ"ގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގާއިމުކުރައްވައިފިއެވެ.
ގާނޫނުއަސާސީގެ 116 ވަނ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގަައި އިއުލާނުކޮށްފައިވެއެވެ.
އެ ދެންނެވުމުގައި ބަޔާންކޮށްފައިވާ ގޮތުން އަލަށް އުފެއްދެވި މި އިދާރާ ހިންގާނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން އެންޓި ޑޯޕިން އެޖެންސީ ހިންގާ އިދާރާއެއްގެ ގޮތަށް ހަމަޖެއްސެވި ނަމަވެސް، ރައީސް އޮފީހުގެ ދެންނެވުމުގައި ބަޔާންކުރާ ގޮތުން މި އެޖެންސީ ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅާނީ، ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ)ގައ ބަޔާންކުރާ ގޮތުގެ މަތިން ޑޯޕިން ކޮންޓުރޯލުކޮށް ހުއްޓުވުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވައިލާ މުސްތަގިއްލު ބޯޑެއްގެ ދަށުންނެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1138 ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/5 ވަނަ ދެންނެވުމުން މިއަދު ވަނީ އަންގާފައިވެއެވެ.
އަލަށް ރައީސް އުފެއްދެވި މި އިދާރާއަކީ މޭ 19، 2025 ވަނ ދުވަހުގައި ރައީސް ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގެ ދަށުން ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނަކަން ކަށަވަރުކޮށްދިނުމަށް އުފެއްދެވި އެޖެންސީއެކެވެ.