ENGLISH
15 ޖެނުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައި، އެންސީއައިޓީ އުވައިލައްވައިފި
15 ޖެނުއަރީ 2026
|
9 މޭ 2025 ގައި 'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައި، އެއިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" (އެންސީއައިޓީ) މިއަދު އުވައިލައްވައިފިއެވެ.
މިކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފައްދަވައި އެންސީއައިޓީ އުވައިލެއްވީ، ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމުކުރި ދެންނެވުމުގައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފެއްދެވީ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން 2025 ސެޕްޓެންބަރު 25ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމަވައިފައިވާ ނިންމެވުންތަކުގެ ތެރޭގައި، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައި ހަމަޖެއްސެވުމަށް ނިންމަވައިފައިވާތީ ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެން.ސީ.އައި.ޓީ.އިން މިހާތަނަށް ކުރަމުން އައި މަސައްކަތްތައް ކުރާނީ ވެސް މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ.