ENGLISH
15 ޖެނުއަރީ 2026
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ ޖަނަވަރީ 17 އިން ފެބްރުވަރީ 1 ގެ ނިޔަލަށް: އިލެކްޝަންސް
15 ޖެނުއަރީ 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި އިސީގެ ރައީސް ޒާހިދު ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެސްއެމް
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ ޖަނަވަރީ 17 އިން ފެބްރުވަރީ 1 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކައުންސިލް އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި 225 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެ ކަމަށެވެ. ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ އެކު އެއީ 1356 ކެންޑިޑޭޓުންނެވެ.
އިންތިޚާބުގައި އަތޮޅުތަކުގައި 321 ވޯޓު ފޮށި ބަހައްޓާއިރު ސިޓީ ތަކާއި މާލެ ސަރަޙައްދު ހިމެނޭގޮތަށް 240 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި 3 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ. ރިސޯޓުތަކުގައި ބަހައްޓާނީ 50 ވޯޓު ފޮށި ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފައެވެ.
ރާއްޖޭން ބޭރުގައި މިފަހަރު ވޯޓު ފޮށި ބަހައްޓަނީ މެލޭޝިއާ އަދި ސްރީ ލަންކާގަ އެވެ. އެގޮތުން މެލޭޝިއާއިން ކުއަލަލަންޕޫރުގައި ބަހައްޓާއިރު ލަންކާގައި ވޯޓު ފޮށި ބަހައްޓަނީ ކޮލަމްބޯގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެރުވެރިކޮށް ކަމަށެވެ. އެ ނިންމުމާ އެކު ކަރުދާސް އެއްވެސް ފޯމެއް މިފަހަރު ބަލައެއްނުގަންނާނެ އެވެ. މިއީ ޑިޖިޓަލްކޮށް ފޯމު ބަލައިގަންނަން ފުރަތަމަ ފަހަރެވެ.
ގުދުރަތީ ކަމެއް ދިމާވެގެން ފަސްކުރަންޖެހޭ ޙާލަތެއް ނާންނަ ނަމަ އިންތިޚާބު އޮންނާނީ މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް އޭޕްރީލް 4 ގައި ކަމަށް ޒާހިދު ވިދާޅުވި އެވެ. ވޯޓުލާ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ އެދުވަހުގެ 8 އިން ހަވީރު 4 އަށެވެ.
އިލެކްޝަންސް އިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މިއަހަރުގެ އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.