ENGLISH

15 ޖެނުއަރީ 2026

Advertisement

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އައްސަވައި ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

15 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާ ރައީސް ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް، އެ މީހުންނަށް މަސައްކަތުގައި ކުރިމަތިވާ ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ. 

މިއަދު ހެނދުނު ރައީސް އޮފީހުގައި ލޮރީ ޑްރައިވަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޑްރައިވަރުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތައް ބަނދަރާ ކަައިރި ސަރަހައްދެއްގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުން ހިމެނެއެވެ. 

އޭގެ އިތުރަށް ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތައްވެސް ޑްރައިވަރުންވަނީ ފާހަގަކޮށްފައެވެ. އަދި ލޮރީ ފަހަރު މަރާމާތުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެނައުމުގައި ބޮންޑްކުރުމުގެ ސަަބަބުން ކުރިމަތިވާ ދަތިތަކާއި، ލޮރީ ކިއުގައި ހުރި މައްސަލަތަަކާއި އެ މައްސަލަތައް ހަައްލުކުރެވިދާނެ ގޮތްތަކާމެދު ޑްރައިވަރުން ވާހަކަދައްކާފައިވެއެވެ. 

ހަމައެހެންމެ، ސަރުކާރުން ކަަނޑައަޅާ ގޮތެއްގެ ތެރެއިން ބާ އުޅަނދުތައް ނައްތައިލުމާއެކު އަލަށް ގެންނަ އައު އުޅަނދުފަހަރު ފަސޭހައިން ރަޖިސްޓްރީކުރެވޭނެ ގޮތެއް ހަމަޖައްސައިދެއްވުމަށް ލޮރީ ޑްރައިވަރުން ރައީސް އަރިހުގައި އެދުނެވެ. 

ޑްރައިވަރުން އިތުރަށް އެދުނީ އެ މީހުން ކުރާ މަސައްކަތަކީ އެހެނިހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަން ސައްހަ ލިޔެކިޔުމާއެކު ކުރާ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށެވެ. 

ރައީސްވަނީ ޑްރައިވަރުންގެ ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޑްރައިވަރުންނަށް ދެެއްވާފައެވެ. 

ރައީސް ޑރ.މުޢިއްޒު ގެންދަވަނީ އެކި ގިންތިތަކައި ފަންތިތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު