ENGLISH
18 ޖެނުއަރީ 2026
ޖުލައި މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓެއްގައި ޒަމާނީ އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ
15 ޖެނުއަރީ 2026
|
ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ބޭނުންކުރަން ފަށުމަށް ބޭއްވި ޖަލްސާގެ ތެރެއިން ،ފޮޓޯ ޕީއެސްއްމް ނިއުސް
މިއަހަރުގެ ޖުލައި މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމުކޮށް އަމަލީގޮތުން ބޭނުންކުރަން ފަށާނެކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ހާމަކުރައްވައިފިއެވެ. އޭނާ މިކަން އިއުލާން ކުރެއްވީ ސިވިލް ކޯޓުގައި އެ ސިސްޓަމް ބޭނުންކުރަން ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ސިވިލް ކޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމްޖަދު މުސްތަފާ ވިދާޅުވީ، ކޯޓުތަކުގެ ނިޒާމު ޒަމާނީ ކުރުމަށް ކުރެވޭ ގިނަގުނަ މަސައްކަތްތަކުން މިއަދު އަމަލީ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މިއީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ނިމިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި މި ސިސްޓަމް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، އަމްޖަދު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ފެމިލީ ކޯޓުގައިވެސް މި ޚިދުމަތް ތައާރަފުކުރެވޭނެ ކަމަށެވެ. މީގެއިތުރުން، ޖުލައި މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކެއް މި ނިޒާމުގެ ތެރެއަށް ވައްދައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އައިޓީ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ. މީގެ ތެރޭގައި ކޯޓުތަކުގައި ސާވާތައް ގާއިމުކުރުން ފަދަ މުހިންމު ކަންތައްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއަހަރު ޑީޖޭއޭގެ އެންމެ ބޮޑު އެއް އަމާޒަކީ އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދިނުން. މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ކޯޓުތަކުގެ އައިޓީ ނިޒާމުތައް ހުރީ އެންމެ އެކަށީގެންވާ ފެންވަރެއްގައެއް ނޫން. ގިނަ ކޯޓުތަކުގައި އިންޓަނެޓާއި ސާވާގެ މައްސަލަތައް ދިމާވެ، މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާތީ، އެކަން ހައްލުކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގްސަދެއް،" ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވިއެވެ
ޝަރުއީ ނިޒާމައް މިފަދަ ޑިޖިޓަލް ކުރިއެރުންތަކެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ދުވެލި ހަލުވިވެ ފެންވަރު ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އައު ނިޒާމުގެ ސަބަބުން ކޯޓުގެތަކުގެ އިދާރީ ހިންގުމަށާއި އާންމު ރައްޔިތުންނަށް ނުހަނު ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއވެ.
ސިވިލް ކޯޓުން ގަބޫލުކުރާ ގޮތުގައި، އަލަށް ތައާރަފުކުރި ސިސްޓަމްގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތަކާ ގުޅުންހުރި އެންމެހާ ކަންކަމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެ ކޯޓުން ހާމަކުރި ގޮތުގައި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން، ކޯޓުން ދެމުންގެންދާ ޚިދުމަތްތައް މިހާރަށްވުރެ ހަލުވިވެ، މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.