ENGLISH

15 ޖެނުއަރީ 2026

Advertisement

އެމްއެންޔޫގެ ކެރިއާ ގައިޑެންސް ފެއާ މިއަދު ފަށަނީ

15 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އެމްއެންޔޫގެ ކެމްޕަސްއެއްގައި ކިޔަވާ ކުދިންތަކެއް މަޝްވަރާކުރުމުގައި-- ފޮޓޯ: އެމްއެންޔޫ

ސްކޫލް ނިންމާ ދަރިވަރުންނަށް ކުރިއަށްދާނެ ދާއިރާއެއް ހިޔާރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކެރިއާ ގައިޑެންސްގެ ނަމުގައި ފެއާއެއް މިއަދު ފަށައިފި އެވެ.

އެމްއެންޔޫއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓގައި ވަނީ، މި ފެއާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 4:00 ގައި އެމްއެންޔޫގެ މައި ކެމްޕަހުގައި ކަމަށެވެ. 

މި ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 15، 18 އަދި 19 ގަ އެވެ. އަދި ފެއާ ހުޅުވިފައި ހުންނާނީ މި ދުވަސްތަކުގެ ހަވީރު 4-6 އަށެވެ.

މި ކެރިއާ ގައިޑެންސް ފެއާގައި ވަޒީފާގެ ރޮނގު ޚިޔާރު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެމްއެންޔޫގައި ކުރިއަށް ގެންދާ ކޯސްތަކާ ގުޅޭގޮތުން ސުވާލުކޮށް މަޢޫލޫމާތު ހޯދުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފަ އެވެ.

އެގޮތުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި، ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތަޢުލީމާއި ތަމްރީނު ފޯރުކޮށްދެމުން އަންނަ ޔުނިވާސިޓީ އެވެ. މި ޔުނިވާސިޓީގައި ކިޔަވާ ދެއްވަނީ ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ، މޮޅު ލެކްޗަރާއިންނެވެ. ކޯސްފީއަކާއި ނުލައި ފަސްޓް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް އެމްއެންޔޫއިން ވަނީ ހުޅުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު