ENGLISH

15 ޖެނުއަރީ 2026

Advertisement

އައްޑޫ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީން ކޯޓަށް

15 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ހައިކޯޓް

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދޭން ކޯޓަށް ހުށަހެޅުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި ހުށަހެޅުމާއި، ހެކިތައް އެ އޮފީހުން ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.

އެހެންކަމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕީޖީ އޮފީހުން މިއަދު ވާނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ  "SKP” ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދީ، އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައެވެ.

މި ހުށަހެޅުމާއެކު ޕީޖީ އޮފީހުން ވާނީ އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި،"ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފަ އެވެ.

މިއީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ކުރީގެ ހުށަހެޅުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު،  ގޭންގެއްކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަޙުޤީޤު ފުރިހަމަވެފައި ނުވާތީ އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން، މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)" އެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން ޤާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޤާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު "އެކްޓިވް" ގްރޫޕްތަކާ މެދުގައެވެ.

ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު