ENGLISH
15 ޖެނުއަރީ 2026
ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި ޔޫކޭ ދެމަފިރިއަކު މަރުވުން: ތުހުމަތުވާ ކަމެއް ނެތް
15 ޖެނުއަރީ 2026
|
ރާއްޖޭގައި މަރުވި ދެމަފިރީން
އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު މަރުވުމުގައި ތުހުމަތުވާ ކަމެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މީގެ ތެރެއިން އެލައިނީ ރިޗްމޮންޑް (70އ)، ޑިސެމްބަރ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ފިރިމީހާއާ އެކު އެރިސޯރޓްގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އަދި މަރުވި އަންހެން މީހާގެ ފިރިމީހާ މެލްކޮމް ޖޯން ރިޗްމޮންޑް (71އ)، ޑިސެމްބަރ 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށްޓަކައި އެއަރޕޯރޓަށް ފުރަން ގޮސް ހުއްޓައި ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއަރޕޯރޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރ 24 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މީހުން މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންނަކީ 60 ފަހަރު ރާއްޖެ އައިސްފައިވާ ދެމަފިރީންނެވެ. މިދިޔަ 17 އަހަރު ގަވާއިދުން ކޮންމެ ޑިސެންބަރު މަހަކު އެ ދެ މީހުން ރާއްޖެ އާދެ އެވެ.