ENGLISH
10 އޭޕްރީލު 2025
ކްލަބް ވޯލްޑް ކަޕްގައި ސިޓީ އާއި ޔުވެންޓަސް އެއްގްރޫޕަކަށް
06 ޑިސެމްބަރު 2024
|
ކްލަބް ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
މުޅިން އާ ފޯމެޓަކަށް އަންނަ އަހަރު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީ އާއި އިޓަލީގެ ޔުވެންޓަސް އެއްގްރޫޕެއްގައި ހިމެނިއްޖެއެވެ.
އެމެރިކާގެ ފްލޮރިޑާގައި އިއްޔެ ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯގެ އިތުރުން ކުޅިވަރުގެ ފާހަގަކޮށްލެވޭ ސަހުޝިއްޔަތުތައް ވަނީ ބައިވެރިވެފައެވެ.
ސިޓީ އާއި ޔުވެންޓަސްގެ އިތުރުން ގްރޫޕް ޖީގައި ދެން ހިމެނެނީ، މޮރޮކޯގެ ވީދާދް އޭސީ އާއި ދުބާއީގެ އަލް އައިން އެވެ.
ފީފާގެ ރައީސް، އިންފަންޓީނޯ (ވ) އާއެކު ބްރެޒިލްގެ ކުރީގެ ލެޖެންޑް، ރޮނާލްޑޯ. --ފޮޓޯ: ގެޓީ އިމޭޖަސް
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ރެއާލް މެޑްރިޑް ލައްވާލި ގްރޫޕް އެޗްގައި ހިމެނެނީ؛ ބްރެޒިލްގެ ތަރި ނޭމާ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއި ޕަޗޫކާ އަދި އާރްބީ ސަލްޒްބާގް އެވެ.
ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، ޗެލްސީއާ އެކު ގްރޫޕް ޑީގައި ހިމެނެނީ؛ ބްރެޒިލްގެ ފްލަމެންގޯ އާއި ޓިއުނީޝިއާގެ އެސްޕަރާންސް ޑެޕޯޓިވޯ އަދި މެކްސިކޯގެ ކްލަބް ލިއޯން އެވެ.
މީގެކުރީން، ބާސެލޯނާއާ އެކު މި މުބާރާތް ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަރ މިއާމީ އާ އެކު ގްރޫޕް އޭގައި ހިމެނެނީ؛ ބްރެޒިލްގެ ޕަލްމެއިރާސް އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ އިތުރުން މިސްރުގެ އަލް އަހްލީ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީމުތައް ހިމެނޭ ގްރޫޕްތައް. --ފޮޓޯ: އޭޕީ
ދެން އެންމެ ފާހަގަކޮށްލެވޭ އެއްގްރޫޕު ކަމަށްވާ، ގްރޫޕް ސީގައި ޖަރުމަނުގެ ބަޔާން މިއުނިކާއެކު ޕޯޗުގަލްގެ ބެންފީކާ ހިމެނޭއިރު، އެ ގްރޫޕުގައި ދެން ތިބި ޓީމުތަކަކީ؛ ނިއުޒީލެންޑްގެ އޯކްލަންޑް ސިޓީ އެފްސީ އާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސް އެވެ.
އެމެރިކާގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 32 ކްލަބާއެކު ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ކުޅޭ ގޮތަށެވެ. ޓީމުތައް މުޅިއެކު އަށް ގްރޫޕަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމުތައް އެއްޓީމު އަނެއް ޓީމާ އެއްފަހަރު ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމެއް ނޮކްއައުޓް ބުރަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައެވެ.