ENGLISH
25 ޖޫން 2026
ގްރޫޕުގެ އެއްވަނަ ބްރެޒިލަށް، ދެވަނަ ޓީމަކަށް މޮރޮކޯ
25 ޖޫން 2026
|
ވޯލްޑް ކަޕުގައި ބްރެޒިލް އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގެ އެއްވަނަ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން ހޯދިއިރު، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް މޮރޮކޯއިން ހޯދައިފިއެވެ.
މި ގްރޫޕުގެ އެއްވަނަ ބްރެޒިލުން ހޯދީ މިރޭ ކުޅުނު މެޗުގައި ސްކޮޓްލެންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި މޮރޮކޯއިން ވަނީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ހައިޓީ ބަލިކޮށް، ގްރޫޕުގެ ދެވަނަ ހޯދާފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް ބްރެޒިލް އާއި ދެވަނަ ހޯދި މޮރޮކޯއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ބްރެޒިލަށް ކުރި ލިބުނީ ހެޑް-ޓު-ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ. ތިންވަނައިގައި ނިންމި ސްކޮޓްލެންޑަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ހައިޓީން މި މުބާރާތް ނިންމާލީ ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުގެ ތިންވަނައަށް ދިޔަ ސްކޮޓްލެންޑް ދެވަނަ ބުރުން ފުރުސަތު ލިބޭތޯ ޖެހޭނީ އިންތިޒާރުކުރާށެވެ. އެއީ 12 ގްރޫޕުގެ ކުޅުން ނިމޭއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމު ތެރޭގައި ހިމެނޭތޯ ބެލުމަށެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ބްރެޒިލުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. ސްކޮޓްލެންޑުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، މި ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއަރއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ވިނީޝިއުސް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، ވިނީޝިއުސް ފައުލްކުރި ކަމަށް ނިންމައި، އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިތުރު ވަގުތުގައި ވިނީޝިއުސް ވަނީ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ 60 ވަނަ މިނެޓުގައި ޖަހައިދިނީ މަތެއުސް ކޫންޔާއެވެ.
މި މެޗުން މޮޅުވެ ބްރެޒިލް ގްރޫޕް ސީގެ އެއްވަނަ ހޯދިއިރު، އެ ޓީމުން މި ވަނީ ވޯލްޑް ކަޕުގައި ކުޅުނު ހުރިހާ ފަހަރެއްގައި ގްރޫޕް ސްޓޭޖު ފަަހަނައަޅައިދިއުމުގެ ރިކޯޑު ދަަމަަހައްޓާފައެވެ.
ވޯލްޑް ކަޕުގައި މޮރޮކޯ އާއި ހައިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މީގެ އިތުރުން އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހައިޓީންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ވޯލްޑް ކަޕެއްގައި ހައިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އެކަމަކު މެޗުގެ 39 ވަނަ މިނެޓުގައި މޮރޮކޯއިން އެއްވަރުކުރިއިރު، ލަނޑު ޖަހައިދިނީ ކެޕްޓަން އަޝްރަފް ހަކީމީއެވެ.
މި މެޗުގައި ހައިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ޖަހައިދިނީ ވިލްސަން އިސީޑޯއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޮރޮކޯއިން އަނެއްކާވެސް ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީއެވެ.
މި މެޗުގެ ދެވަނަ ހާފުގައި މޮރޮކޯއިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއިރު، ލީޑު ނަގާފައިވަނީ 78 ވަނަ މިނެޓުގައި ސޯފިއަން ރަހީމީ ޖެހި ލަނޑުންނެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މޮރޮކޯގެ ލީޑު ފުޅާކޮށްދިނީ ގާސިމް ޔަސީނެވެ.