ENGLISH
10 އޭޕްރީލު 2025
ނޮސްލިންގެ ހެޓްރިކާއެކު ލާޒިއޯ ކުއާޓާ އަށް
06 ޑިސެމްބަރު 2024
|
ނަޕޯލީ ކޮޅަށް ލަނޑުޖެހުމަށްފަހު ނޮސްލިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިޓާލިއަން ކަޕުގެ ދެވަނަ ބުރުގައި ރޭ ނެދަލެންޑްސްގެ ފޯވާޑް، ޓިޖާނީ ނޮސްލިން ހެދި ހެޓްރިކާއެކު 3-1 ގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށް ލާޒިއޯ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ލީގުގައި ވެސް ކުރިއަށް އޮތް މެޗުގައި މި ދެ ޓީމު ބައްދަލުކުރާންޖެހޭއިރު ނަޕޯލީ އިން މި މެޗު ފެށީ ބަދަލުތަކަކާއެކު އެވެ. އެގޮތުން، ނަޕޯލީން މެޗު ފެށިއިރު ސްކޮޓް މެކްޓޮމިނޭ އާއި ރޮމެލޫ ލުކާކޫގެ އިތުރުން ޖިއޮވާނީ ޑި ލޮރެންޒޯ އިނީ ބެންޗުގައެވެ. އެ ޓީމުގެ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ މި މެޗުގައި ނުކުޅެއެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ލާޒިއޯ އިން ޑޮމިނޭޓްކޮށްފައިވާއިރު، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލީ ވެސް އެ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން މި މެޗުގައި ކުރީން ލީޑު ނެގީ ވެސް ލާޒިއޯ އިންނެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ނޮސްލިން މި ލަނޑުޖަހައިދިންއިރު، އޭގެކުރީން، 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދޭން ލިބުނު ޕެނަލްޓީއެއް މަޓިއާ ޒަކާނީ އަތުން ވަނީ ބޭކާރުވެފައެވެ.
ލާޒިއޯ އިން ލީޑު ނެގިތާ ހަތަރު މިނެޓުގެ ތެރޭގައި ނަޕޯލީ އަށް އެއްވަރުކޮށްދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމެންދަނިކޮށް، 41 ވަނަ މިނެޓުގައި ލާޒިއޯގެ ދެވަނަ ލަނޑު، ނޮސްލިން ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ކުރީގެ ފޯވާޑް، ޕެޑްރޯ ރޮޑްރިގޭޒް ދިން ބޯޅައަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޒަކާނީ ދިން ބޯޅައަކުން ނޮސްލިން ވަނީ ހެޓްރިކް ފުރިހަމަކޮށް، ލާޒިއޯ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.
ކުއާޓާގައި ލާޒިއޯ ނުކުންނަން ޖެހޭނީ ދެވަނަ ބުރުގައި އިންޓަ މިލާނާ އުދިނޭޒީ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އިންޓައާ އުދިނޭޒީ ބައްދަލުކުރާ މެޗު އޮތީ މި މަހުގެ 20 ގައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮތީ އަންނަ އަހަރުގެ މެއި މަހުގެ 14 ގައެވެ.